ޚަބަރު ސިޔާސީ

ދުވާފަރުގައި ދެޕާޓީ އެކުގައި ކެންޕެއިންކޮށް، ނަމޫނާ ދައްކައިފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ދުވާފަރުގައި ދެ ޕާޓީ އެކުގައި ކެންޕެއިންކުރަނީ، ފޮޓޯ: ސަން އޮންލައިން

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ކެނޑިޑޭޓުން ދަނީ ވަރަށް ފޯރީގައި ކެންޕެއިން ކުރަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓު ޤާސިމް އިބްރާހީމްގެ ކެންޕެއިން ހަރަކާތްތައް ރ. ދުވާފަރުގައި ކުރިއަށް ދަނިކޮށް، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވަނީ ކެންޕެއިންއަށް އެރަށަށް އަރާވަޑައިގެންފައެވެ. މި ދެޕާޓީގެ ކެންޕެއިންގެ ހަރަކާތްތައް އެއްވަގުތާ ދިމާވެ ރަށުގައި ފޯރިގަދަ ކެންޕެއިންގެ ހަރަކާތްތައް ވަނީ ކުރިއަށް ގޮސްފައެވެ.

Ads by Hajj Corporation

ދުވާފަރަށް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ޤާސިމް އާއި އެޕާޓީގެ ބައިވެރިންނެވެ. އަދި ހަވީރު 5:30 ގައި އެޕާޓީގެ ބައްދަލުވުން އެރަށު ބަނދަރުމަތީގައި ކުރިއަށް ދަނިކޮށް މުއިއްޒު ވަނީ އެރަށަށް އަރާވަޑައިގެންފައެވެ. އެގޮތުން އެރަށު ބަނދަރުމަތީގައި ދެޕާޓީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއްވެފައެވެ. އަދި ޖޭޕީގެ ބައްދަލުވުމުގައި ވާހަކަދެއްކެވި އެޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ދެޕާޓީގެ ފޯރީގައި ބައިވެރިވެ ވާހަކަދައްކާފައެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މި ރަށުގައި އެބަ ޖެހޭހެން އެންމެން އެއްކޮށް އެއްޗެއް ޖައްސާލަން، އެކޮޅުން ސައުންޑު މަޑުކޮށްލައިފިއްޔާ އެންމެނަށް އެއްވެލެވިދާނެ އިނގޭތޯ، އެކޮޅުން ސައުންޑް މަޑުކޮށްލައިފިއްޔާ މިކަން ނިންމާލެވޭނީ އެނގޭތޯ، އަޅުގަނޑުމެން އެންމެ އެއްކޮށް ޖައްސާލާ ކަހަލަ ބަނދަރުމައްޗެއް މިއީ" ޖޭޕީގެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަ ދެއްކެވި ޢަލީ ވަޙީދު ވިދާޅުވިއެވެ.

"ނިކަން ދެކިވަޑައިގަންނަވާ މި ފަސްގަނޑުގައި ދެއްކި ރީތި މަންޒަރު، އަނެއްހެން ބަލާކަމުގައިވަނީ ނަމަ އަޅުގަނޑުމެންގެ ސަފު އޮތީ އެކޮޅުގައި އައްކޮޅުން އަނެއްކޮޅަށް ދަމާލާފައި، އަނެއް ކޮޅުން އޮތީ މިހެން ދަމާލާފައި، ހަމަ އެކުވެރިކަމާ އެކު މި އުޅެވެނީ ނޫންތޯ! މިވަރުގެ ރީތި މަންޒަރެއް ވޭތުވެދިޔަ 17 އަހަރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ތަކުރާރުވެފަ ނެތްކަމީ ޝައްކެއް ހުރި ކަމެއް ނޫން" ނިހާން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ދެޕާޓީ އެކުގައި ކެންޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް ހަމަޖެހުމެއް ނެތި ވަރަށް އޮމާންކަމާއެކުގައެވެ. އަދި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވަނީ ދެޕާޓީގެ ސަޕޯޓަރުން ކުރީބައިގައި މިކަމާމެދު މަޝްވަރާކޮށް އެއްބަސްވެފައިވާތީ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ޤަވާއިދު ބުނާ ގޮތުން އިންތިޚާބަށް ވާދަކުރައްވާ ކެނޑިޑޭޓަކު ނުވަތަ ކެނޑިޑޭޓަކު ނިސްބަތްވާ ޕާޓިއަކުން ސިޔާސީ ހަރަކާތެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާވާ ގޮތަށް، އެެހެން ޕާޓީއަކަށް ނިސްބަތްވާ ކެނޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެ ތަނުގައި ސިޔާސީ ހަރަކާތެއް އިންތިޒާމުކޮށްގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޤަވާއިދުގައި މިހެން ބުނެފައިވީނަމަވެސް، ރ. ދުވާފަރުގައި ދެ ކެނޑިޑޭޓަކު ވަނީ އެއްތަންވެ، ސިޔާސީ ފޯރީގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގައި ތާއީދު ހޯދުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

Ads by Ooredoo
  1. އަޒްރާ

    އިބޫ ސޯލިހު ވެރިކަމަށް އައިފަހުން އަހަރެމެންނަށް ލިބޭ ކަރަންޓް ބިލު ވ ބޮޑުވެއްޖެ ގޭގަ މީހުންނެތަސް ތިއްބަސް 2500 ރުފިޔާ ދައްކަންޖެހޭތާ ކޮން ދުވަހެއް ކޮންމެ މަހަކު މިވަރަށް ކަރަންޓްބިލައް ދައްކާފަ ކިހިނެތް އުޅޭނީ