ރާއްޖޭގައި ކުރިއަރަމުން އަންނަ ޑިޖިޓަލް ދާއިރާއަކީ އިގްތިޞާދީ އުފެއްދުންތެރިކަމުގެ ތަނބަކަށް ހަދަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެ.
އަންނަ ރިޔާސީ ދައުރުގައި ކޮށްދޭން އަމާޒު ހިފާފައިވާ ކަންކަން ހިމަނައި ނެރެފައިވާ އެމްޑީޕީގެ އުފާވެރި އަމާންރާއްޖެ މެނިފެސްޓޯގައި ވަނީ ޒުވާނުންނާއި ޓެކްނޮލޮޖީގެ ދާއިރާގެ މުހިންމު ވައުދުތަކެއް ހިމަނައިފަ އެވެ. އެގޮތުން އިލެކްޓްރޯނިކް ވަސީލަތްތައް ހޯދުމަށް ހާއްސަ ލެންޑިންގް ސްކީމެއް ޒުވާނުންނަށް ތައާރަފުކުރަން ވަނީ ވައުދުވެފައެވެ.
މީގެ އިތުރުން ޔޫތު ޓެކް ހަބްސް ގާއިމްކޮށް ޓެކްނޮލޮޖީގެ ތެރެއިން ކޯޑިންގް، ތްރީ-ޑީ މޮޑެލިންގް، ޕްރޮގުރާމިންގް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލިހީއިން ޒުވާނުން ކުރިއަށްދާނެ ގޮތް ފަހިކުރަން މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
ދިވެހިރާއްޖޭގެ އައިސީޓީ ދާއިރާގެ ހުނަރުވެރިންނާއި އެހެނިހެން އުފެއްދުންތެރިން ރާއްޖޭގައި ތިބެގެން އެފަރާތްތަކުގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރަށް ނެރެ، މާކެޓުކޮށް ކުރިއެރުވޭނެ މާހައުލެއް ގާއިމްކުރަންވެސް އެމްޑީޕީން ވަނީ ވައުދުވެފައެވެ.
ޕޭޕަލް ވަދަ ކުރިއަރާފައިވާ ބޭނުންތެރި ޕޭމެންޓް ގޭޓްވޭތައް މިހާރު ބޭނުން ނުކުރެވުނު ނަމަވެސް ރައީސް ޞާލިހު ވަނީ އަންނަ ދައުރުގައި ރާއްޖޭގައި އިންސްޓެންޓް ޕޭމެންޓް ގޭޓްވޭ އާއި ބޭރުގެ ޕޭމެންޓް ސިސްޓަމްތަކާއިއެކު ޑިޖިޓަލް ވިޔަފާރި ކުރެވޭނެ މަގުފަހިކުރަން ވައުދުވެފަ އެވެ.
މިހުރިހާ ކަމެއް ހާސިލްކޮށް ޑިޖިޓަލް ދާއިރާއަކީ އުފެއްދުންތެރިކަމުގެ ތަނބަކަށް ހަދާނެކަމަށް މެނިފެސްޓޯގައި ވަނީ ބުނެފައެވެ.