ކައިވެންޏަށްފަހު ޒިނޭކުރާ މީހުންނަށް އެކުރެވެނީ ވަރަށް ވެސް ނުބައި، ބިރުހުރި ޢަމަލެއް: މުފްތީ މެންކް
ކައިވެންޏެއް ކޮށްގެން ހުރެ ހިލޭ މީހަކާއި ޖިންސީ ގުޅުން ބޭއްވުމަކީ ހަމައެކަނި އަންހެނުން ނުވަތަ ހަމައެކަނި ފިރިހެނުން ކުރާ ކަމެއް ނޫނެވެ. ބައެއް އަންހެނުންނާއި ފިރިހެނުން ކުރަމުން އަންނަ ވަރަށް ހިތާމަހުރި ވިޔާނުދާ އަދި އެމީހުންނަށް ގެއްލުންހުރި ކަމެކެވެ.
ކައިވެންޏަށްފަހު ބައިވެރިޔާއަށްވުރެ ރީތި މީހަކު ފެނިދާނެއެވެ. ނަމަވެސް ކައިވެންޏަށްފަހު ކޮންމެ މީހަކުވެސް ޤަބޫލުކުރަން ޖެހޭނީ ތިމާއަކީ އެކަނި މީހެއް ނޫން ކަމަށެވެ. އެހެން މީހެއްގެ ޙައްޤެއް ތިމާގެ ނަފުސުގެ މައްޗަށް އެބައޮތް ކަމަށެވެ. އެ ޙައްޤަށް ތިމާ ތެދުވެރިވެ އިޚްލާޞްތެރިވާން ޖެހޭނެ ކަމެވެ.
މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް އޭނާގެ ދަރުހެއްގައި ވިދާޅުވެފައިވަނީ ޒިނޭކުރަން ފަށައިފިނަމަ އެންމެ ބޮޑަށް ކުރިމަތިވާނެ އެއް މައްސަލައަކީ ދީނީ އަޅުކަން މަތިން ފޫހިވެ، އަޅުކަން ކުރުމަށް ފަރުވާ ކުޑަވުން ކަމަށެވެ. މިއީ ވަރަށް ނުރައްކައުތެރިކަމެކެވެ.
އޭގެއިތުރުން ތިމާ ކައިވެނި ކޮށްގެން އުޅޭ ބައިވެރިޔާ މަތިންވެސް ފޫހިވާން ފަށާނެ ކަމަށް ވެސް މުފްތީ މެންކް ވިދާޅުވިއެވެ.
"އެކަން މެދުވެރިވުމުން ދެމީހުން އެކުގައި ދިރިއުޅުނު ނަމަވެސް އެއްދާން ނުކޮށް އެތައް ދުވަހެއް އެބަ ވޭތުކުރެއެވެ. އެކަމުގެ ސަބަބުން އަނިޔާ ލިބޭ މީހާއަށް ލިބެމުންދާނެ އަނިޔާ އާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ޤިޔާމަތް ދުވަހު އެކަމުގެ ބަދަލު ދެވޭނެ ހެއްޔެވެ؟ އެއީ އެހެން މީހެއްގެ ޙައްޤެއް އެކުލެވޭ ކަމަކަށްވާތީ އެކަމުގެ ފާފަ ﷲ ތައާލާ ފުއްސަވައެއް ނުދެއްވަވާނެތެވެ! ޖެހޭނީ ޙައްޤު އަދާކުރާށެވެ! މާނައަކީ ބަދަލުދޭށެވެ! ތިމާގެ އަމިއްލަ ދިރިއުޅުން ނަގައިލުމަކީ ހަމައެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ތިބާއަށް ލިބުނު ބައިވެރިޔާ އާއިއެކުގައި އިޚްލާޞްތެރިކަމާއިއެކު ދިރިއުޅެން ގަދައަޅައި މަސައްކަތްކުރާށެވެ! ފެންނަ ރީތި ކޮންމެ އެއްޗަކީ ތިމާއަށް ފައިދާހުރި ނުވަތަ ފައިދާކުރާނެ އެއްޗަކަށް ނުވެދާނެއެވެ" މުފްތީ މެންކް ނަސޭހަތްތެރިވިއެވެ.