ޚަބަރު ސިޔާސީ

ކުރީ ވެރިކަމުގައި ވަޒީފާގެ ކަށަވަރުކަން ނެތުމުގެ ބިރު އޮތް، މި ފަސް އަހަރު މި ނިމެނީ އެކަހަލަ އެއްވެސް ކަމެއް ނެތި: ރައީސް ޞާލިޙް

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: މިހާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުގެ ސަބަބުން ރައްޔިތުންނަށް އެންމެ ބޮޑު ބިރުވެރިކަމެއް އޮތީ ވަޒީފާގެ ކަށަވަރުކަން ނެތުމުންކަމަށާއި އެފަދަ އެއްވެސް ކަމެއް މި ފަސްއަހަރު ނިމިގެންދާއިރު ހިނގާފައި ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by STELCO

އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ކުންފުނިތަކަށް އެކަނި ބަލާއިރު ވެސް ހިޔާލުތަފާތުވުން 1،000 އަށް ވުރެން ގިނަ މުވައްޒަފުން އެއް ރަށުން އަނެއް ރަށަށް ބަދަލުކޮށްފައި އޭރު އެބަހުރި ކަމަށެވެ.

"ހަމަ ގައުމު ވެސް މި ފަސް އަހަރު ނިމިގެންދާއިރު އެކަހަލަ ކަމެއް ހިނގާފައެއް ނޯންނާނެ. އެހެންނެއް ނޫން މީހަކު ވަޒީފާއަކުން ވަކިކޮށްފައި ހުރެދާނެ އެއީ އެ ވަޒީފާއެއްގައި އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާނުކޮށްގެން ވަކިކޮށްފައި ހުރެދާނެ،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުގައި މި ފަސް އަހަރު ތެރޭގައި ހިންގި އަސާސީ ޚިދުމަތްތަކުގެ ގިނަ މަޝްރޫޢުތަކާ އެކު "އަދިކިރިޔާ މި އެޅުނީ ތަރައްޤީގެ ބިންގާ" ކަމަށާއި ދެވަނަ ދައުރެއް ބޭނުންވަނީ އެކަންކަން ނުހުއްޓި ރައްޔިތުންނަށް ބޮޑު ބަދަލެއް ގެނެސްދޭން ކަަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙު ވިދާޅުވީ 2018 ވަނަ އަހަރުގައި ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަތީ ވައުދުތަކަކާ އެކުގައި ކަމަށާއި އެ ވަޢުދުތައް ފުއްދެވުމުގެ މަސައްކަތް ފެއްޓެވިތަނުން މުޅި ޤައުމު ހުއްޓުމަކަށް އައިސް ބައެއް މަސައްކަތްތައް ގެންދަންވީ ސްޕީޑުގައި ނުގެންދެވުނު ކަމަށެވެ.

"ފުރަތަމަ ކަމަކީ އެ މަސައްކަތްތައް ނިންމަން އަޅުގަނޑަށް ވަގުތު ހޯދުން. ހަމައެއާއެކީގައި އަޅުގަނޑުމެންނަށް އަދި މި އެޅުނީ ރާއްޖޭގެ ތަރައްގީގެ ބިންގަލެއް ކަމަށް އަޅުގަނޑު ދެކެނީ. ހާއްސަކޮށް ރަށްރަށުގައި. މިކަން ފުރިހަމަކުރަން ވަގުތު އެބަ ބޭނުވޭ. މިކަންތައް ކުރުން އަޅުގަނޑުގެ މަގްސަދަކީ އަދި ބޭނުމަކީ،" ރައީސް ޞާލިޙް ވިދާޅުވި އެވެ.

އެހެންކަމުން އެ ބިންގަލުގެ މަތީގައި ތަރަައްގީގެ މަޝްރޫއުތައް ހިންގިއްޖެ ނަމަ ވަރަށް ބޮޑު ހެޔޮ ބަދަލެއް ރާއްޖެ އިން ފެންނާނެކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ކުރެވިއްޖެކަމަށާއި ޖުޑީޝަރީއަށް ގެނެވުނު ބޮޑު ބަދަލު އޭގެ ތެރޭގައި ހިމެނޭ ކަމާށެވެ. އަދި ސުޕްރީމް ކޯޓާ ދޭތެރޭގައި ރައްޔިތުންގެ ގެއްލިފައި އޮތް އިތުބާރު ހޯދިއްޖެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެންމެންވެސް މިހާރު ގަބޫލުކުރޭ ސުޕްރީމް ކޯޓު މިހާރު ހިނގަނީ މިނިވަންކޮށް ކަމާ އެކީގައިކަން. އަދި ދަށު ކޯޓުތަކުގައި އެބަހުރި މައްސަލަތައް. އަނެއްކާވެސް އޭގެތެރެއަށް އެހެން ކަހަލަ ނުފޫޒްތައް ފޯރުވަން މަސައްކަތްކުރާތަން މިހާރު އެބަ ފެނޭ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އިތުރު ދައުރެއް ބޭނުންވާ އެއް ސަބަބު އެއީ. ޖުޑީޝަރީއަކީ ހައްގުތައް ހިފެހެއްޓުމަށްޓަކައި އަދި ޑިމޮކްރަސީއެއް ދެމެހެއްޓުމަށްޓަކައި ވެސް އެންމެ ބޮޑަށް އިތުބާރު އުފައްދަން ޖެހޭ އެއް ދާއިރާ. އެހެންވީމަ ޖުޑިޝަރީގައި ވެސް މިހާރު ފަށާފައި ހުރި މަސައްކަތްތަކާ އެކުގައި ނިމުނީމާ ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް އަންނާނެ،" ރައީސް ޞާލިޙް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ އަނިޔާވެރިކަމާ އެކު ވަޒީފާ ބަދަލުކޮށް އާއިލާއާ މާ ދުރު ރަށަށަށް މި ސަރުކާރުގައި ފޮނުވާލައިފައެއް ނޯންނާނެކަމަށާއި ކުރީގެ ސަރުކާރުގައި ރައްޔިތުން ތަހައްމަލްކުރި އެ ބިރުވެރިކަން ނެތި މިނިވަން މާހައުލެއް މި ސަރުކާރުގައި ޤާއިމްކުރެވިފައިވާ ކަމުގެ ހިތްހަމަޖެހުން އެމަނިކުފާނަށް އެބަ އޮތްކަމަށެވެ.

  1. މިއެމްޑީޕީ މީހުން ވެރިކަމުގައި ތިބިއްޔާ ޤައުމުގެ އިޤުތިސޯދު އިންޑިޔާއަށް ވިއްކާލާ ޤައުމު ދަރަނިވެރި ކުރުވާނެ، މިމީހުން ވެރިކަމުގައި ނެތިއްޔާ މަގުތިގާއި މުޒާހަރާކޮށް ޤައުމު ހަލަބޮލިކޮށް ބިރުވެރިތަނަކަށް ހަދާނެ ހުޅުޖަހާނެ މީހުނަށް އަނިޔާދީ ގެއްލުން ކުރާނެ މިދެކަންތަށް މިއެމްޑީޕީ ފެންނަނީ !