ޚަބަރު ސިޔާސީ

ބިލެތްދޫ ޑިމޮކްރެޓްސް އިން ބުނީ ރައީސް ނަޝީދު އެމްޑިޕީ ފަޅިއަށް އެރިޔަސް ވޯޓު ދޭނީ ޕީޕީއެމްއަށް ކަމަށް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޑިމޮކްރެޓްސްގެ ބާނީ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީއާއި އެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މަސައްކަތްކުރަން ނިންމެވި ނަމަވެސް، ބިލެތްދޫގެ ޑިމޮކްރެޓްސްގެ މެމްބަރުން ވޯޓު ދެއްވާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއަށްކަމަށް އެ ރަށުގެ ޑިމޮކްރެޓްސްގެ ލީޑަރުން ވިދާޅުވެއްޖެއެވެ.

Ads by STELCO

"ދެން" އަށް މަޢުލޫމާތު ދެއްވަމުން ބިލެތްދޫގެ ޑިމޮކްރެޓްސް ޕާޓީގެ އިސް ބޭފުޅެއްކަމުގައިވާ ފައިސަލް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މުއިއްޒުއަށް ތާއީދުކުރައްވަން އެ ރަށުގެ ޑިމޮކްރެޓްސްއިން ނިންމައިފިކަމަށާއި ރައީސް ޞާލިޙުއަށް ދެވަނަ ދައުރެއް ދެއްވަން ބޭނުންފުޅުނުވާކަމަށެވެ.

"ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާ ބައިވަރު ސަބަބު އެބަހުރި، ވަޒީފާގެ ގޮތުން ބަލާއިރު މި ރަށުން އެކަނިވެސް 30 މީހުންނަށް ވަޒީފާ ހަމަޖައްސާނެކަމަށް ބުނެ ދަޅަ ދައްކާފައި އެބަހުރި... މި ސަރުކާރަށް ތާއީދުނުކުރަން އަޅުގަނޑުމެން ސާފުކޮށް ނިންމާފައި އޮންނާނީ" ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޞާލިޙް ކަންކަން ކުރެއްވި ގޮތުން ރައީސް ނަޝީދު އެމްޑީޕީއާއިއެކު މަސައްކަތްކުރައްވަން ނިންމެވިޔަސް ރައީސް ޞާލިޙަށް ތާއީދުކުރެވެން ނެތްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މި ސަރުކާރުން ވަޒީފާތަކަށް އިންތިހާއަށް ނުފޫޒު ފޯރުވަމުންދާކަމަށާއި މަސްވެރިންނާ މެދުވެސް ކަންތައްކޮށްފައިވަނީ ވަރަށް އިހާނެތިކޮށްކަމަށެވެ.

އަދި ވެންޓިލޭޓަރު މައްސަލައިގައި މި ސަރުކާރުން "ހޭވެސް އަހާނުލާ" ކަމަށާއި މިއީ ކޮރަޕްޝަނުގެ އިންތިހާ ކަމަށް ފައިސަލް ސިފަކުރައްވާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!