ރޭގަނޑު 8 އިން ފަތިހު 5 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފި
މާދަމާ އިން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެގައި ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފިއެވެ.
އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި ނަމަވެސް އަދިވެސް ރޭގަނޑު ކާފިއު ފެށޭ ގަޑި ކަމަށްވާ 22:00 ހަމައަށް މާލޭގައި ފައިމަގުގައި އުޅެވޭނެއެވެ.
މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށް ދަމުންދާ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މިނިންމުން ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމަށާއި ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން ވެސް ދެން 20:00 އަށް ފަހު ފިހާރަ ބަންދު ކުރުމަށްފަހު ދާން ބޭނުންވާ ތަނަކަށް ދާން ޖެހޭނީ ހިނގާފައި ކަމަށެވެ.
"އެކަން ތަންފީޒުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާއިރު ފުރަތަމަ ފަހަރުގައި ނަސޭހަތްތެރި ވާނަން. ދެވަނަ ފަހަރަށް މަނާ ގަޑީގައި އެ ވެހިކަލް ޗެކްކުރެވިއްޖެނަމަ ޖޫރިމަނާ ކުރާނަން. އަދި އެކަން ތަކުރާރުވާނަމަ އެ ވެހިކަލެއް އަޅުގަނޑުމެން ޓޯ ކުރާނަން. އޭގެ ފަހުގައި އެ އުޅަދެއް ދޫކުރެވޭނީ އެ ޖޫރިމަނާ ދެއްކުމަށްފަހު،" ޝަރީފް ވިދާޅުވިއެވެ.
ޖޫރިމަނާ ކުރުމަށް ހަމަޖެހިފައިވަނީ 1000 ރުފިޔާއަށެވެ.
މިއީ ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅެކެވެ.