ރިޕޯޓް

އެންޓިކެމްޕެއިން ސްޓްރެޓެޖީ ބަދަލުކުރަން ޖެހިފައި، ނަތީޖާ އަނބުރައިލެވިދާނެތަ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރުގެ ފޯރިގަދަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިފައިވާއިރު މީގެ ހަތަރު ދުވަސް ކުރިން ދެއްކި ނަތީޖާއަކީ އެއްގޮތަކަށްވެސް ހީކުރި ނަތީޖާއެއް ނޫނެވެ. ރާއްޖޭގެ ވޯޓު ލެވޭ އާބާދީގެ 80 އިންސައްތައެއްހާ މީހުން ނިކުމެ އިދިކޮޅު ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް 46 އިންސައްތަ ދިންއިރު، ސަރުކާރު ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދިނީ އެންމެ 39 އިންސައްތަ އެވެ. ދެން ވާދަކުރެއްވި ހަ ކެނޑިޑޭޓުންނަށް ޖުމްލަކޮށް ލިބުނީ 15 އިންސައްތަ އެވެ.

Ads by STELCO

އިންތިހާބުގެ ކުރިން ރައީސް ޞާލިހު ވިދާޅުވަމުން ގެންދެވީ އެމްޑީޕީއާއި، އަދާލަތު ޕާޓި އަދި އެމްޑީއޭ ހަދާފައިވާ ކޯލިޝަނަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް 130،000 ވޯޓު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނިކުމެވަޑައިގެން ވިދާޅުވީ 56 އިންސައްތައަށްވުރެއް ހަމަ އެންމެ ތަންފުކެއްވެސް ވޯޓު މަދު ނުވާނެ ކަމަށެވެ. ކޮންމެ ބޭފުޅަކުހެން ޕޯޑިއަމްއަށް އަރުއްވާ ވިދާޅުވީ "މިކަން ނިމިއްޖެ" ކަމަށެވެ. ވޯޓަށް 10 ދުވަސް އޮއްވައި ފުރިހަމަ ކޮންފިޑެންސާއެކު ނިކުމެވަޑައިގެން ރައީސް ވިދާޅުވީ "މިއަދު ވޯޓު ގުނިޔަސް މޮޅުވާނެ" ކަމަށެވެ. އަދި ހޭދަވާ ކޮންމެ ދުވަހަކީ ވޯޓުތަކެއް އިތުރުވާ ދުވަހެއް ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީއަށް އެއްބުރުން ކާމިޔާބު ކުރެވޭނެކަމަށް ހުރިހާ ބޭފުޅުން ވިދާޅުވި އިންތިހާބުގައި ނަތީޖާ ދެއްކީ އެއާ މުޅިން އިދިކޮޅަށެވެ. ރައީސް ޞާލިހު، ޑރ. މުއިއްޒުއާއި އަރާ ހަމަކުރަންވެސް 15،000 ވޯޓު ބޭނުންވެ އެވެ. އަދި 50 އިންސައްތައިން މޮޅުވާން ބޭނުންވާނަމަ އެންމެ މަދުވެގެން އިތުރު 15،000 ވޯޓު ބޭނުންވާނެ އެވެ. ވޯޓު ލާން ނުނިކުތް 20 އިންސައްތަ އާބާދީގެ ދެބައިކުޅަ އެއްބައި ދެވަނަ ބުރުގައި ވޯޓުލާން ނިކުމެއްޖެނަމަ މުޅި ޖުމްލަ 40،000 އެއްހާ ވޯޓު އިތުރަށް ބޭނުންވާނެ އެވެ. ސިޔާސީ ހިސާބު ޖަހާނަމަ މިއަދަދަކީ މިވަގުތަށް ރައީސް ޞާލިހަށް ހޯދަން ވަރަށް އުނދަގޫ އަދަދެކެވެ.

އިއްޔެ ރައީސް ޞާލިހު މީޑިއާއާއި ވާހަކަ ދައްކަވަން ހުއްޓިލައިގެން ހުންނަވަނިކޮށް ނޫސްވެރިޔަކު ސުވާލެއް ކުރެއްވި އެވެ. "ޑރ. މުއިއްޒުއަށް އެންޓި ކެމްޕެއިން ކުރުމަކީ އެމްޑީޕީއަށް ނާކާމުވި ސަބަބުކަމަށް ދެކެން ހެއްޔެވެ؟" ޖަވާބުގައި ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީން އެންޓި ކެމްޕެއިން ނުކުރާ ކަމަށެވެ. އަދި އެންޓި ކެމްޕެއިން ކުރީ އިދިކޮޅުންކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

ރައީސް ޞާލިހު އެފަދައިން ދެކެވަޑައިގެންނެވި ނަމަވެސް އެމްޑީޕީން މިފަހަރުގެ ރިޔާސީ އިންތިހާބުގެ މުޅި ކެމްޕެއިން ސްޓްރެޓެޖީ އޮތީ ޑރ. މުއިއްޒު އަށް އެންޓި ކެމްޕެއިން ކުރުމަށްކަން ސާފުކޮށް އެނގެ އެވެ. ކެމްޕެއިން އޭޖެންޓު މާރިޔާ އަހުމަދު ދީދީ ކޮންމެ ދުވަހަކުހެން މީޑިއާތަކާއި ބައްދަލުކުރައްވައި ދައްކަވަނީ ޑރ. މުއިއްޒުގެ ވާހަކަ އެވެ. މުއިއްޒުއާއި ގުޅުވައި އެކި ކަހަލަ ތުހުމަތުތައް ކުރެއްވުމާއި، ތުންތުންމަތިން ދެކެވޭ ވާހަކަތައް ރަސްމީކޮށް ތިލަކުރެއްވުމުގެ މަސްއޫލިއްޔަތު އޮތީ މާރިޔާއަށް ދެއްވައިފަ އެވެ. މިހާ ހިސާބުން ނުނިމެ އެވެ. އެމްޑީޕީން ބޭއްވި ކޮންމެ ޖަލްސާއެއްގައިވެސް ޑރ. މުއިއްޒަށް ފާޑުވިދާޅުވުމުން ފެށިގެން ސާބިތު ނުހިފޭ ވާހަކަތައް ދެއްކުން އެއީ އެންމެ އިސްކަމެއް ދިން ކަމަކަށް ހެދި އެވެ. މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި މާރިޔާ ދީދީގެ ވާހަކަފުޅަށް އެކަނި ބައްލަވައިލެއްވިޔަސް މިވާހަކައިގެ ތެދުކަން ހާމަވާނެ އެވެ.

ނުވިތާކަށް ސޯޝަލް މީޑިއާގައި އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓުންވެސް އެންމެ ބާރަށް ކުރަމުން ދިޔައީ އެންޓި ކެމްޕެއިނެވެ. އެގޮތުން ޑރ. މުއިއްޒު ހައުސިންގް މިނިސްޓަރު ކަމުގައި ހުންނެވިއިރު ކުރެއްވި ކަންކަމާއި މާލޭގެ މޭޔަރުކަމަށް ވަޑައިގެން ކުރެއްވި ކަންކަމުގެ ވާހަކަ އެކްޓިވިސްޓުން ޓުވީޓު ކުރަމުން ދިޔަ އެވެ. އިންތިހާބުގެ ނަތީޖާއިން ފެނުނީ މިއެންޓި ކެމްޕެއިން މަސައްކަތް ނުކުރި މަންޒަރެވެ. ދިވެހި ރައްޔިތުން ބުނީ "މުއިއްޒު އޯކޭ" ކަމަށެވެ. 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވީ އިންތިހާބުގައި ވޯޓުލާން ނުނިކުތް 72،000 އެއްހާ މީހުންގެ ތެރޭގައި އެމްޑީޕީއަށް ތާއީދު ކުރާ 39،000 މީހުން އެބަ ތިބި ކަމަށެވެ. އަދި އެމީހުން ވޯޓުލާން ނުނިކުތީ ރައީސް ޞާލިހު މޮޅުވާނެކަމުގެ ޔަގީންކަން އޮވެ، އޯވަރކޮންފިޑެންޓް ވުމުން ކަމަށެވެ. ބައެއް މީހުން ވޯޓުލާ ވަގުތު އިތުރުކުރާނެކަމަށް ހީކޮށް ހަވީރު ފިންޏަށް މަޑުކޮށްގެން ތިބިކަމަށާއި އަނެއް ބަޔަކަށް ދަތުރު ހަމަނުޖެހުނީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އިންތިޒާމުތައް ގޯސްވުމުން ވޯޓު ނުލެވުނު މީހުން ތިބިކަމަށްވެސް ވިދާޅުވި އެވެ.

ފައްޔާޒު މިވިދާޅުވި ސަބަބުތަކަކީ ނިމިގެންދިޔަ އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ސަބަބެއްކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ވޯޓުލާން ނުނިކުތް 72،000 މީހުންގެ ތެރޭގައި ޑރ. މުއިއްޒަށް ވޯޓު ދޭނެ މީހުންވެސް ތިބޭނެ އެވެ. އަދި ޖުމްލަކޮށް ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު އޭގެ ތެރޭގައި އެމްޑީޕީ ސަޕޯޓަރުންގެ މާބޮޑު އާބާދީއެއް އޮވެދާނެކަމަކަށްވެސް ނުބެލެވެ އެވެ. އެހެންކަމުން ހަމައެކަނި ވޯޓު ނުލާ މީހުންގެ ވޯޓަކުން ރައީސް ޞާލިހަށް މޮޅުވެވިދާނެކަމަކަށް ލަފައެއް ނުކުރެވެ އެވެ.

ދެން އޮތީ ކޯލިޝަންގެ ވާހަކަ އެވެ. މިހާރު ސިޠާސީ މަޝްރަހު އޮތް ގޮތުން އެމްޑީޕީއާއެކު އިތުރު އެއްވެސް ސިޔާސީ ޕާޓީއަކުން ކޯލިޝަން ހަދައިފާނެކަމަކަށް ނުބެލެވެ އެވެ. އެމްއެންޕީން ޑރ. މުއިއްޒާއި ބައިއަތު ހިފާފައިވާއިރު ޖޭޕީންވެސް ބުރަވާނެ ކަމަށް ބެލެވެނީ ޑރ. މުއިއްޒުގެ ކޮޅަށެވެ. އުމަރު ނަސީރާއި ފާރިސް މައުމޫނުގެ މިސްރާބު ހުރީވެސް އެދިމާލަށްކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ހޯދި 15،000 އެއްހާ ވޯޓަކީ މިފަހަރުގެ އިންތިހާބުގެ ނަތީޖާ ބަދަލުކޮށްލާނެ ވޯޓަށް ވުން އެކަށީގެންވެ އެވެ. ޔަގީނުންވެސް ރައީސް ނަޝީދު، ރައީސް ޞާލިހު ފަޅިއަކަށް ނާރާނެ އެވެ. ޑރ. މުއިއްޒާއި ކޯލިޝަން ހަދައިފާނެ ކަމާއިމެދު އަދި އޮތީ ސުވާލު އުފެދިފަ އެވެ. އެހެންނަމަވެސް ކަން މިހެން ވުން ވަރަށް ގާތެވެ. ޑިމޮކްރެޓްސްއިން ވަކި ކޮޅެއް ނުނިގިޔަސް އެ ވޯޓުތައް ދެބަޔަކަށް ބެހޭނީތާ އެވެ. އެހެން ވެއްޖެނަމަ ޑރ. މުއިއްޒަށް އިންތިހާބު ފަސޭހަ ކަމާއިއެކު ނެގޭނެ އެވެ.

އިންތިހާބުގެ ދެވަނަ ބުރަށް 16 ވަރަކަށް ދުވަސް ބާކީ އޮތްއިރު ޑރ. މުއިއްޒަށް މިއިންތިހާބުގައި އަގުލަބިއްޔަތު ހޯދުމަކީ މާ އުނދަގޫ ކަމެއްކަމަކަށް ނުފެނެ އެވެ. އެހެންނަމަވެސް ރައީސް ޞާލިހަށް މިއިންތިހާބުގައި އަގުލަބިއްޔަތު ހޯދުން ވަރަށް އުނދަގޫވާނެ އެވެ. ކަން މިހެން އޮތްއިރު ފާހަގަކޮށްލަން ޖެހެނީ މީގެ ކުރީގެ އިންތިހާބުތަކުގައިވެސް ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދި ކެނޑިޑޭޓުން ދެވަނަ ބުރުގައި ކުރި ހޯދާފައިވާކަމެވެ. އެހެންކަމުން ރައީސް ޞާލިހަށް ދެވަނަ ބުރުގައި މޮޅެއް ނުލިބޭނެއޭ ދަންނަވަން އަދި މާ އަވަހެވެ.

ސާފުވާ އެއް ކަމަކީ ރައީސް ޞާލިހުގެ އެންޓި ކެމްޕެއިން ސްޓްރެޓެޖީ ބަދަލުކޮށް ހެލްތީ ކެމްޕެއިނެއް ފަށަން ޖެހިފައިވާ ކަމެވެ. އިދިކޮޅު ކެނޑިޑޭޓުގެ ވާހަކަ އަބަދު ދެއްކުމުގެ ބަދަލުގައި ސިޔާސަތުތަކާއި ގުޅޭގޮތުން ގިނަގިނައިން ވާހަކަ ދައްކަން ޖެހިފައިވާކަމެވެ. އެހެންނަމަވެސް ފުރަތަމަ ބުރަށްފަހު ބޭއްވި ފުރަތަމަ ކެމްޕެއިން ޖަލްސާގައިވެސް އޮތީ ޑރ. މުއިއްޒުގެ ވާހަކަ ދެއްކުމެވެ. ހާއްސަކޮށް ފާހަގަވެގެން ދިޔައީ މާރިޔާ ދީދީއަށް އަދިވެސް އޮތީ އެ މަސްއޫލިއްޔަތު ދީފައިކަމެވެ. ކުރިއަށް މިއޮތީ އަނެއްކާވެސް ފޯރި ގަދަ ދުވަސްތަކެކެވެ. ސިޔާސީ ގޮތުން ވަރަށް ހަލަބޮލި ދުވަސްތަކެކެވެ. އެންމެ ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަނީ ކޯލިޝަން އެތުރިގެންދާނެ ގޮތަކަށެވެ.

Ads by Ooredoo
  1. ދިވެހި މުސްކުޅިން

    ފުރަތަމަ ބުރު ކެންޑި ޑޭޓުންނަށް އެދެވުނު ވޯޓަކީ ތަޅުލާފަ ފޮށްޓެއްގާ އޮންނާނެ އެއްޗެއްނޫން 30 ވަނަ ދުވަހު ވޯޓްލާނީވެސް ހުސް ފޮށްޓަކަށް އެ ފޮށިތަކަށްލާ ވޯޓުގެ ނަތީޖާ ގުޅާނީ އެންމެންލާނީ މިނިވަން ވޯޓެއް، ކާކު ބޭނުންވާނީ 3 މީހެއްގެ ކައުންުސިލަކާ 500ރ އަށް ހަނޑޫ ބަސްތާއެއް ގަނެގެން އުޅޭކަށް، ޕީޕީއެމް/ޕީއެންސީ ގެ ވެރިކަމެއްގައި ފެންނާނީ އުދަގުލާ ދުއްތުރާ ކުރުންތައް މިހާރު އެ އެއްވަނީ އެ ގައްދާރުން ވަގުންނާއި ޗޯރުން އަދި މީހުން މަރާމީހުން ރައްޔިތުން ނިކަން ހޭލައި ތިބޭތި އެ އަނިޔާ ވެރިކަމަށް ރާއްޖޭގެ އެކަކުވެސް މި މަހުގެ 30ގައި ވޯޓް ނުދޭތި