އެމްޑީޕީއާއި ފެއަށް ޖެހިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީއަށް ބަދަލުވެފައި ތިއްބެވި އެމްޑީޕީ މެންބަރުން އަލުން އަނބުރާ އެ ޕާޓީއާ ގުޅިވަޑައިގަތުމަށް، ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ގޮވައިލައްވައިފިއެވެ.
އެމްޑީޕީން ރޭ ސޯސަންމަގުގައި ކުރިއަށް ގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާން ވިދާޅުވީ އެކި ސަބަބުތަކާހެދި އެމްޑީޕީން ވަކިވި މެމްބަރުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމުގެ ކުރިން އެ ޕާޓީއާ ގުޅިވަޑައިގަތުމަށާއި އެމްޑީޕީއަކީ ރާއްޖޭގައި އޮތް 30 އަހަރުގެ ދިގު ވެރިކަން ބަދަލުކޮށް ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދިން ޕާޓީ ކަމަށެވެ. އެހެންކަމުން ދިމާވާ ކުޑަކުޑަ މައްސަލައެއްގައި ތާއަބަދު ދެމި ތިބުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތެއް ވެސް ނޫން ކަމަށް ޝިޔާން ވިދާޅުވިއެވެ.
"އަޅުގަނޑަކީ ވެސް ތިޔަ ޕާޓީ އުފައްދަން އޭރުގައި މަސައްކަތް ކުރި މީހެއް. ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތެއް ތިޔަ ބޭފުޅުންނަކީ އެމްޑީޕީ. އެހެންވީމަ ފުރަތަމަ ބުރު ނިމިއްޖެ. އަޅުގަނޑު ގޮވާލަން ބޭނުން ވަނީ މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޑީޕީއާ އޭރުގައި ފެއަށް ޖެހިފައި ތިބި ފަރާތްތަކާ އެރުގައި އެކިއެކި ސަބަބުތަކާ ގުޅިގެން ދުރަށް ގޮށްފައިވާ ފަރާތްތަކާއި ވަޑައިގަންނަވާށޭ،" ޝިޔާން ވިދާޅުވިއެވެ.
މީގެ އިތުރުން، ޕީޕީއެމްގެ ވެރިކަމަށްވުރެ، ދެން ވެސް ޑިމޮކްރެޓްސްއަށް ރަނގަޅުވާނީ އެމްޑީޕީއަށް ވެރިކަން ލިބިގެން ކަމަށާއި އަދި ސަރުކާރުން ކުރަމުން ގެންދާ ތަރައްޤީގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލެވިގެން ނޫނީ ރާއްޖެއަށް ސަލާމަތެއް ނެތް ކަމަށް ފާހަގަކުރައްވަމުން ޝިޔާން ވިދާޅުވީ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ އަނިޔާވެރިކަމުގައި ތަތްތެޅިފައިވާ ބޭފުޅެއް ކަމަށެވެ.
"މި ރާއްޖެއަށް ސަލާމަތްތެރިކަމެއް އޮތީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީ އަމާން، އޮމާން، ދިވެހިރާއްޖެއަކަށް މި ކުރާ މަސައްކަތުގައި ތިޔަބޭފުޅުން އެއްބާރުލުން ދީގެން،" ޝިޔާން ވިދާޅުވިއެވެ.
ރައީސް ޞާލިޙް ފަދަ އަމާނާތްތެރި ބޭފުޅަކު ކުރިމަތިލައްވާފައި ވަނިކޮށް އަނިޔާވެރިކަމަށް އަނެއްކާ ވެސް ދިއުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ރައްޔިތުން އުޅެންޖެހުނު ހާލާއި ހިތްދަތިކަން މިއަދުވެސް ހަނދާން އެބަހުރި ކަމަށްވެސް ޝީޔާން ވިދާޅުވިއެވެ. އަދި ޑރ. މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ، އެ ދުވަސްތަކާ ދިވެހީން އަނެއްކާ ވެސް ކުރިމަތިލާންޖެހޭނެ ކަމަށްވެސް ޝީޔާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.