ޚަބަރު ސިޔާސީ

ސަރުކާރުގެ އެއްވެސް މަޤާމަކަށް ލާނެ މީހަކު އަދި ނުނިންމަން: މުއިއްޒު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ސަރުކާރުގެ އެއްވެސް މަޤާމަކަށް ލާނެ މީހަކު އަދި ނިންމާފައި ނުވާނެކަމަށާއި ޕޮލިސް ކޮމިޝަނަރުކަމަށް ގޭންގެއްގެ ލީޑަރަކު ހަމަޖައްސަން ނިންމާފައިވާކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުރައްވަމުން ގެންދަވާ ކެންޕޭނުގެ ތެރެއިން ށ. ފުނަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވަނީ އެމަނިކުފާނާ ގުޅޭގޮތުން މީހުން ފަތުރަމުންދާ ހަޤީޤަތެއް ނެތް ވާހަކަތައް ޤަބޫލުނުކުރުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑު މިހާރު ނިންމަފަޔޯ ވަނީ ޕޮލިސް ކޮމިޝަނަރަކަށް ގޭންގު ލީޑަރަކު ލާން، އަޅުގަނޑާ ވަރަށް ބޮޑަށް ގުޅިފަޔޯ އޮތީ" މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑެއް އަދި ނުނިންމަން އެއްވެސް މަޤާމަކަށް ލާނެ މީހަކު"

މުއިއްޒު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކާ ޚިލާފު ވާހަކަތައް ފެތުރުމުގެ ބޭނުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުންކަމަށާއި އެފަދަ ތުޙުމަތުތައް ކުރާ މީހުން އެކަން ކުރަނީ ހެޔޮ ނިޔަތުގައި ނޫންކަމަށެވެ.

"އަޙުލާޤީ ގޮތުން ރަނގަޅު މުޖުތަމައެއް އުފެއްދުމާއި، އެކަކު އަނެކަކަށް ރެސްޕެކްޓު ކުރުމާއި، ޒުވާނުން ފުދުންތެރި ބަޔަކަށް ހެދުމާއި މި ހުރިހާ ވާހަކައަކާ ދިމާ އިދިކޮޅު ވާހަކައެއްނޫންތޯ މިއީ" މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޑރ. މުއިއްޒު އާއި އެމަނިކުފާނުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަތީފުއާ ގޭންގުތަކާ ގުޅުވާ މީސްމީޑިއާގައި ވާހަކަތައް ފަތުރާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!