ޚަބަރު ސިޔާސީ

ސިޔާސީ ވާދަވެރިންނަށް ރައްދުދޭން ދަށު ދަރަޖައަށް ވެއްޓިގެން ނުވާނެ: މުއިއްޒު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޯމަތިވެފައިވާއިރު، ސިޔާސީ ޚިޔާލު ތަފާތުވުންތައް ހުރިނަމަވެސް، ވާދަވެރިންނަށް ރައްދު ދިނުމުގައި ދަށު ދަރަޖައަށް ވެއްޓިގެން ނުވާނެކަމަށާއި ހުރިހާ އެންމެނަށްވެސް އިޙްތިރާމްކުރަން ވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ށ. ފުނަދޫގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވަނީ ސިޔާސީ ކަންކަމުގައި އުޅޭއިރު ހިތްހަމަނުޖެހުންތަކާ ދިމާވިނަމަވެސް، އެފަދަ ކަންތައްތަކަށް ރައްދުދީ، ދަށު ދަރަޖައަށް ވެއްޓިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ވާން ވާނީ ދަށު ދަރަޖައަކަށް، އެ މީހުން އެ ވެއްޓޭ ދަރަޖަ އަށް ނުވެއްޓި ތިބޭ ބަޔަކަށް. ވާން ޖެހޭނެ ޢަމަލާއި ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް. ސިޔާސީ ވާދަވެރިޔާ އަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން ވެއްޓުނު ދަރަޖަ އަށް ވެއްޓިގެން ނުވާނެ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކުރީއްސުރެން ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އާދަ ނެތިގެންދާތަން ފެންނަމުންދާކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި ތަޢުލީމީ ނިޒާމުގެ ތެރެއިން އެކަން އަނބުރާ ގެނައުމަށް ޚާއްސަ މަަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.

"އަޅުގަނޑުމެން ވާން ވާނީ ރީތި ހަމަތަކުގެ މަތިން އުޅޭ ބަޔަކަށް. މިކަންކަން އަނބުރާ ގެންނަން އެބަޖެހޭ. ބޭނުން ވަނީ އަނބުރާ ގެންނަން. އެކަންކަން ނުކޮށް މުޖުތަމަޢުގެ ބޭނުމެއް ނެތް. ތަޢުލީމީ ނިޒާމުގެ ތެރެއިން އެ އާދަތައް އަނބުރާ ގެނެސްދޭން ޚާއްސަ ސަމާލުކަމެއް ދޭނަން" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!