ޚަބަރު ސިޔާސީ

ކައުންސިލްތަކަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަނީ، ކައުންސިލްތައް ބާރުވެރިކުރުވަން: މުއިއްޒު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ކައުންސިލްތަކަށް ޚާއްސަ މިނިސްޓްރީއެއް އުފެއްދުމުގެ ބޭނުމަކީ ކައުންސިލްތަކުގެ ބެލެނިވެރި އިދާރާކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ޚާއްސަކޮށް މިނިސްޓަރެއް ހަމަޖައްސަވައި، މިނިސްޓަރުގެ ބެލުމުގެ ދަށުން، ލުއި ފަސޭހަކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށާއި، ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުވުމަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސަންގު ޓީވީ އަދި ޗެނަލް 13 އާ ގުޅިގެން މިހާރު ކުރިއަށްގެންދާ "އާސްކް މުއިއްޒު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ކެންޕެއިން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެންނެވި އިރު ކައުންސިލްތަކާއި ސަރުކާރާއި ދެމެދު އޮންނަންޖެހޭ ގުޅުން ހީނަރުވެފައިވާ މިންވަރު ފާހަގަކުރެވުނުކަމަށާއި، އެކަމުގެ ސަބަބުން ރަށްރަށަށް ބޭނުންވާ އެތައްކަމެއް ނުކުރެވި ލަސްވެގެންދާކަމަށެވެ.

"އަޅުގަނޑަށް ޤަބޫލުކުރެވެނީ މިހާރު މިވާގޮތަކީ އެލްޖީއޭ އަށް ދޭންވާ ސަޕޯޓު، ސަރުކާރަށް ނުދެވެނީ"

މުއިއްޒު ވިދާޅުވީ އެލްޖީއޭ އަކީ ޤާނޫނީ ގޮތުން ލާމަރުކަޒީ ނިޒާމް ބަލަހައްޓަން ޙަވާލުވެފައިވާ އިދާރާކަމަށެވެ. އަދި ޤާނޫނުގައި ބުނާ ގޮތުން އެ އިދާރާ ބަލަހައްޓަން ހަމަޖައްސާފައިވަނީ ހޯމް މިނިސްޓަރަށެވެ. ހޯމް މިނިސްޓަރަކީ ވަރަށް ބޮޑު މެންޑޭޓެއްގެ ދަށުން މަސައްކަތްތައް ކުރަމުންދާ މީހެއްކަމަށާއި، މިނިސްޓްރީގެ މަސައްކަތްތައް ކުރައްވާފައި އެލްޖީއޭއަށާއި ހުރިހާ ކައުންސިލްތަކަށް ދޭންވާ ސަމާލުކަން، އެންމެ އެދެވޭގޮތުގައި ނުދެވޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިންގޭ ނިޒާމަކަށްވުރެ ބޮޑަށް، އެކަމަށް ފުލްޓައިމްކޮށް ހުންނަ ވަޒީރަކު، ފުލްޓައިމް މިނިސްޓަރަކު އެލްޖީއޭގެ ޗެއާއަކަށް ހުންނަންށޭ ބޭނުންވަނީ"

މުއިއްޒު ވިދާޅުވީ އެލްޖީއޭއިން ކައުންސިލްތަކާ ގުޅިގެން ކުރަންޖެހޭ އެކިކަހަލަ މަސައްކަތްތަކުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަން ކުރުމަށްޓަކައި އަދި ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށްޓަކައި، އެކަމަށް ޚާއްސަކުރެވިފައި ވަޒީރަކު ހުރުމަކީ، މަސައްކަތްތައް ލުއި ފަސޭހަކަމާއެކު ގެންދިއުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

"އެވަޒީރު ކުރާނީ ހަމައެކަނި ލާމަރުކަޒީ މަސައްކަތް އެކަނި" މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަންވެސް ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަނީ އެޓޯލްސް މިނިސްޓްރީ ހިންގި ގޮތް އަނބުރާ ގެނައުމަށް ނޫންކަމަށާއި، އެގޮތަށް މިހާރު ރާއްޖޭގައި މަސައްކަތްކުރުމަކީ ނުވާނެކަމެއްކަމަށެވެ.

  1. ގީނުލް

    ކައުންސިލްތަކުގެ ގަޔަށް ބާރުލައިދެން ތިއުޅެނީ