ބޮޑު ޚަރަދުކުރި އިރު ބްރިޖް ގެ އެންމެ ތަނބެއްވެސް ފެންނަން ނެތް، ބްރިޖު ނިންމަދޭނީ އަޅުގަނޑު: މުއިއްޒު
މާލެއާއި ތިލަމާލެ ގުޅުވާލުމަށް އެތައް މިލިއަނަކުން ރުފިޔާ ޚަރަދުކޮށްގެން ހަދަން ފަށާފައިވާ ބްރިޖުގައި އެންމެ ތަނބެއްވެސް ފެންނަން ނެތްކަމަށާއި އެ ބްރިޖްވެސް ނިންމައިދެއްވެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ދައުރުގެ ކެމްޕޭނަށް ރ. ހުޅުއްދުއްފާރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުން ހިންގާފައި ހުރި ކޮރަޕްޝަންުގެ އަމަލުތަކާމެދު ރައްޔިތުން ސުވާލު އުފައްދަން ޖެހޭކަމަށާއި އެކަންކަމުގެ ހަޤީޤަތް ރައްޔިތުންނަށް އެނގެންޖެހޭނެކަމަށެވެ.
ވެންޓިލޭޓަރު މައްސަލައިން މިސާލު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެކަމަށް 30 އެތައް މިލިއަން ރުފިޔާ ޚަރަދުކުރިއިރު ވެންޓިލޭޓަރުތަކަށް ވީގޮތަކާއި އެ ރުފިޔާއަށް ވީގޮތް ރައްޔިތުންނަށް ކިޔައިދެވެން ވާނެކަމަށެވެ.
"ކޮރަޕްޝަން އިންތިހާއަށް ގޮއްސައި އޮތް އޮތުމަށް ކީއްވެތޯ ޖަވާބު ނުދެނީ، ހަމަ އެންމެ މިސާލެއް ނަގައިގެންވެސް ދެއްކިދާނެ، މިސާލަކަށް ކޮވިޑް ތެރޭގައި 30 އެތައް މިލިއަން ރުފިޔާއެއް ދިން ދިނުން، ދީގެން ވެންޓިލޭޓަރުތައް ގެންނަން އުޅެ ނުގެނެވުން، އެހެންވީމާ ސަރުކާރުން އެބަޖެހޭ ރައްޔިތުންނަށް ޖަވާބުދެން، ކޮބައިތޯ އެ ވެންޓިލޭޓަރުތައް، ކޮބައިތީ އެ 30 މިލިއަން ރުފިޔާ" މުއިއްޒު ވިދާޅުވިއެވެ.
އަދި އެކަންކަމަށް ޖަވާބު ނުދެއްވައި ދެވަނަ ދައުރެެއް ދެއްވާށޭ ވިދާޅުވެ ރައްޔިތުންގެ އަރިހަށް ވަޑައިގަންނަވާތީ "މޯރަލް އޮތޯރިޓީވެސް" ނެތްކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އެ 30 މިލިއަން ރުފިޔާއަށް ވޯގޮތާއި އޭގެން ނުލިބުނު ވެންޓިލޭޓަރުތަށް ވީ ތަނެއްވެސް ކިޔުއްވައިދެއްވަން ވާނެކަމަށެވެ.
"ރައްޔިތުންނަށް އެބަ އެނގެންޖެހޭ ރައްޔިތުންގެ އެ 30 މިލިއަން ރުފިޔާއަށް ވީގޮތާއި އޭގެން ނުލިބުނު ވެންޓިލޭޓަރުތަކަށް ވީ ތަނަކާ، މީ ހަމަ މިސާލެއް، މިހިސާބުގައި މި ގައުމުގެ ކޮރަޕްޝަން މިއޮތީ" މުއިއްޒު ވިދާޅުވިއެވެ.
މިއަށްވުރެވެސް ބޮޑުކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވީ މާލެއާއި ތިލަމާލެއާއި ދޭތެރޭ އަޅާ ބްރިޖެވެ. އެގޮތުން އެ ބްރިޖު ހަދަނީ 700 މިލިއަން ރުފިޔާގެ ލޯނަކުން ކަމަށާއި އޭގެތެރެއިން 190 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު އެ ބްރިޖުން އެންމެ ތަނބެއްވެސް ފެންނަންނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މާލެއާއި ތިލަމާލެއާއި ދޭތެރޭ މިއަޅާ ބްރިޖް، 700 މިލިއަން ޑޮލަރުގެ ލޯނެއް، އޭގެތެރެއިން މިހާރު 190 މިލިއަން ޑޮލަރު ޚަރަދުކޮށްފި، ބްރިޖުގެ ކޯއްޗެއްތޯ ފެންނަން އޮތީ؟ އެންމެ ތަނބެއްވެސް ފެންނަން ނެތެއް ނޫންތޯ؟" މުއިއްޒު ވިދާޅުވިއެވެ.
"އެކަމަކު އަޅާކިޔާލާއިރު ރައީސް ޔާމީނުގެ ވެރިކަމުގައި މާލެއާއި ހުޅުލެއާއި ދޭތެރޭގައި އެޅި ބްރިޖް، އެއީވެސް 190 މިލިއަން ޑޮލަރު، 190 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެއޮތީ ބްރިޖް ފެންނަން، މި ސަރުކާރުން އަޅާ ބްރިޖުގައި 190 މިލިއަން ޑޮލަރަށް ވީގޮތެއްވެސް ނޭނގޭ، ބްރިޖްވެސް ނެތް" މުއިއްޒު ވިދާޅުވިއެވެ.
އަދި މި ސުވާލު ތަކަށް ޖަވާބު ނުދެއްވާ ރައްޔިތުންގެ ގާތަށް ވަޑައިގެންނެވީމާ ރައްޔިތުން (ރައީސް ޞާލިޙާއި) ސުވާލުކުރަންޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މިއީ ސީރިއަސް ވާހަކަ މިހުރީ. އަޅުގަނޑުމެންގެ ނަމުގައި ދަރަނި ނަގައިގެން 190 މިލިއަން ޑޮލަރު މި 700 މިލިއަނުން ޚަރަދުކޮށްފިޔޭ މިހާރު، ޚަރަދު ކުރި އިރު ފެންނާކަށް ނެތޭ އެންމެ ތަނބެއްވެސް، ބްރިޖެއް ނެތް ފެންނާކަށް، އެކަމަކު ވައުދުވިއެއް ނޫންތޯ ޖުލައި މަހު ދުއްވަން ފެށޭނެއޭ މާލެ ވިލިނގިއްޔާ ދޭތެރޭގައި، ފެރީގަ ގައިމުވެސް ދުއްވޭ އެކަމަކު ބްރިޖް މައްޗަކު ނުދުއްވޭ. އެކަމަކު 190 މިލިއަން ޑޮލަރު ޚަރަދުކޮށްފި" މުއިއްޒު ވިދާޅުވިއެވެ،
އެހެންކަމުން ރާއްޖޭގައި މިހާރު ކޮރަޕްޝަނުގެ ކަންތައްވެސް އޮތީ އިންތިހާއަށް ކަމަށްވާއިރު އެކަންކަން ބަދަލުކުރުމުގެ ޒިންމާ މިއަދު ރައްޔިތުންގެ ބޮލުގައި އެޅިފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަންކަން ބަދަލުކުރުމަށް މިމަހު 30 ވަނަ ދުވަހު އެ ލިބޭ ފުރުޞަތުގެ ބޭނުން ހިފައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް މުއިއްޒުވަނީ އެދިވަޑައިގެންފައެވެ.