ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ޅ. ހިންނަވަރަށް ވަޑައިގަތުމުން އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ އެރަށުގެ ކުޑަ ކުއްޖެއް މުއިއްޒުގެ ކައިރީ ސިއްރެއް ބުނެލި މަންޒަރެވެ.
ރަށްރަށަށް މުއިއްޒު ވަޑައިގަތުމުން ސަފުގައި ތިބޭ ކުޑަކުދިން މުއިއްޒު ކިބައިން އެދެމުންދަނީ އާންމު ގޮތެއްގައި އެއްކަމަކަށެވެ. އެއީ އެ ރަށުގައި އެކުދިން ހަވީރު ގަޑީގައި ނިކުމެ މަޖާކޮށްލާނެ ޕާކެއް އަޅުއްވައިދެއްވުމަށެވެ.
އެގޮތުން، ޅ. ހިންނަވަރުންވެސް މުއިއްޒުގެ އިސްތިޤްބާލަށް އައިސް ތިބި ކުޑަކުދިންވެސް އެދެމުންދިޔައީ އެކަމަށެވެ. އެ ރަށުގެ ސަފުގައި ހުރި ކުޑަ އަންހެން ކުއްޖަކު ފުރަތަމަ ވެސް އިޝާރާތުން މުއިއްޒުގެ ގާތުގައި އެދުނީ ގާތަށް ވަޑައިގަތުމަށެވެ. އެ ކުއްޖާ ހުރި އިސްކޮޅާ ހަމައަށް މުއިއްޒު ހަށިގަނޑު ތިރިކޮށްލެއްވުމާއެކު، އެ ކުއްޖާ ވަރަށް ސިއްރުން މުއިއްޒު ކައިރީ ވާހަކައެއް ބުނެލިއެވެ.
އެއާއެކު މުއިއްޒުގެ ވަރަށް ބޮޑު ހިނިތުންވެވަޑައިގެން، ސަފުގައި ދެން ތިއްބެވި ބޭފުޅުންނާ ސަލާމް ކުރައްވަން ފެއްޓެވިއެވެ. މުއިއްޒު އަރިހުގައި ހިންނަވަރަށް ވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވެސް އެއީ ކޮން ވާހަކައެއްކަން ނޭނގުނު ނަމަވެސް، ސަފުގައި ތިބި ގިނަ މީހުންގެ މޫނުމަތިން ފެނިގެންދިޔައީ ހިނިތުންވުމެވެ.
ހިންނަވަރަށްފަހު މުއިއްޒު ވަޑައިގެންނެވި އެހެން ރަށް ރަށުން ވެސް މިކަހަލަ ކަންކަން ތަކުރާރުވެގެން ގޮސްފައިވާއިރު، ކުޑަކުދިން މުއިއްޒު އާ ސަލާމްކޮށްފައި އެ ބުނާ ސިއްރުތައް ހާމަވީ ބ. ކަމަދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން، ސަލާމްކޮށްލަން ގުދުވެލީމަ، ކުޑަކުދިން ސިއްރު ސިއްރުން ބުނަނީ ރަށުގައި ކުޑަކުދިންގެ ޕާކެއް އަޅައި ދިނުމަށް ކަމަށާއި ޕާކެއް ހުރުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ކުޑަކުދިން ނުކުމެ ހިތް އުފާކޮށްލަން ކުޅޭނެ ތަންތަން ހުންނަން ޖެހޭނެ ކަމަށެވެ.
"އެންމެ ގިނަ އިން ކުޑަކުދިން ސަލާމްކޮށްލާފައި އެ ހެން ބުނަނީ،" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ތަރައްޤީއަކީ ނަފްސާނީ ގޮތުން އަންނަ ތަރައްޤީއެއް ކަމަށާއި ރަށަކަށް ތަރައްޤީ އަންނާނީ ބަނދަރު ހަދައިގެން ނުވަތަ މަގު ހަދައިގެންނެއް އެކަނި ނޫންކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ހިތަށް ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުމަކީ ހަޤީގަތުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"މާލޭގައި މިކަން އެންމެ ބޮޑީ ތޮއްޖެހިފައި އޮތް މިންވަރުން. ނަމަވެސް ރަށްރަށުގައި މިކަން ވަރަށް ފަސޭހަ އިން ކުރެވޭނެ..... އަޅުގަނޑުމެން އެކަން ކުރަން ރާވާފައި އޮތް ގޮތަކީ ކޮންމެ ރަށެއްގައި ވެސް ސަރުކާރުން އެ ރަށެއްގެ އާބާދީ އާއި ކުދިން ތިބި އަދަދާއި އާބާދީ އިތުރުވާ އަދަދާ މި ހުރިހާ ކަމަކަށް ބަލައިގެން މުސްތަގްބަލަށް ބަލައިގެން، ކުރު ރާސްތާ އާއި ދިގު ރާސްތާ އަށް ބަލައިގެން އަޅުގަނޑުމެން ޕްރޮޖެކްޓްސްތައް ހިންގާނީ،" މުއިއްޒު ވިދާޅުވިއެވެ.
އެ ރަށެއްގެ ނިސްބަތުން ކޮންމެ ރަށެއްގައި ރަނގަޅު ފެންވަރެއްގެ ކުޑަކުދިން ކުޅޭ ޕާކެއް ހަދައި ދެއްވާނެ ކަމަށާއި އަދި އުމުރުން ދުވަސްވީ މީހުންނާއި އެކިއެކި އުމުރުފުރާގެ މީހުންނަށް ބޭނުންވާ ކަސްރަތު ކުރުމަށް އައުޓް ޑޯ ޖިމް ކޮންމެ ރަށެއްގައި ގާއިމުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.