ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ތެރެއަށް އެހެން ޤައުމުތައް ނުވެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި އިންތިޚާބުގައި ރައްޔިތުން އިންތިޚާބު ކުރަނީ ދިވެހި ރާއްޖެއަށް ނިސްބަތްވާ ދިވެހި ކެންޑިޑޭޓެއް ކަމަށްވާއިރު އިންތިޚާބުގެ ތެރެއަށް ބޭރުގެ އެހެން ޤައުމުތައް ނުވެއްދުމަކީ ރަނގަޅު ގޮތް ކަމަށެވެ.
"މި ރިޔާސީ އިންތިހާބަށް ބޭފުޅުން ވަޑައިގަންނަވާއިރުގައި ކެންޑިޑޭޓުން އެހެން ގައުމުތައް މި އިންތިހާބުގެ ތެރެއަށް ބައިވެރި ނުކުރެއްވުން. އަޅުގަނޑުމެންގެ އިންތިހާބެއް މިއީ މިރާއްޖޭގެ ރައްޔިތުން މިއަށް ވޯޓު ދޭން އޮތީ. މިރާއްޖޭގެ ރައީސަކު އިންތިހާބު ކުރަން އޮތީ. އެހެންވީމަ އެކަން އެހެން ނުކުރެއްވީމަ ވަރަށް ރަނގަޅުވާނެ ކަމަށް އަޅުގަނޑު ދެކެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިން ވަނީ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައީސް ނަޝީދާއި ސުވާލުކުރައްވާފައެވެ.
އެގޮތުން، މިއީ އެފަދަ ވޯޓެއް ނަގަން އެންމެ އެކަށޭނެ ވަގުތުތޯ ސުވާލުކުރެއްވުމުން އެކަން ކުރަން އެންމެ އެކަށޭނަ ވަގުތަކީ މިއީކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އަދި ރާއްޖެއަށާއި ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ ވެރިން ޖަވާބުދާރީ ކުރުވައިގެން ދެފުށް ފެންނަ ގޮތަށް ހިންގޭ އަދި ރައްޔިތުންނާއި ޣާތުން ހިންގޭ ވެރިކަމެއް ކަމަށާއި އެކަން ކުރެވޭނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.