ކާޑެއްދޫއަށް ދިއުމަށް އުފުލަންޖެހޭ ތަކުލީފުތަށް ކުޑަކޮށްދިނުމަށް، ތިނަދޫއާއި ކާޑެއްދޫ ބުރިޖަކުން ގުޅާލާނަން: މުއިއްޒު

ހުވަދޫ އަތޮޅު ތިނަދޫ ރައްޔިތުން އެ އަތޮޅު ކާޑެއްދޫއަށް ދިއުމަށްޓަކައި އުފުލަންޖެހޭ ތަކުލީފުތަކަށް ލުޔެއް ދެއްވުމަށްޓަކައި، ތިނަދޫއާއި ކާޑެއްދޫއާ ދެމެދު ބުރިޖެއް އަޅައި ދެ ރަށް ގުޅުވައިލާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކެންޕެއިން ދަތުރުތަކުގައި މިއަދު ތިނަދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފުރަތަމަ ބުރުގައި ތިނަދޫއަށް ވަޑައިގެން އެރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެކަމަށް ވިދާޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވާކަމަށެވެ. އަދި އެކަމާމެދު އެމަނިކުފާނު ވަރަށް އުފާކުރައްވާކަމަށާއި، ނަމަވެސް ތިނަދޫ ސިޓީއަކަށް ބަދަލުވާން ޖެހޭނީ ނަންބޯޑު ހަރުކޮށްލާ އުޞޫލަކުން ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.
ތިނަދޫ ރައްޔިތުން އެދިވަޑައިގެންފައިވާ ގޮތުގެ މަތިން ތިނަދޫއާއި ކާޑެއްދޫއާ ދެމެދު ބްރިޖެއް އަޅައިދެއްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެއާއެކު ކާޑެއްދޫ އެއާޕޯޓުވެސް ބައިނަލްއަޤްވާމީ ފެންވަރަކަށް ތަރައްޤީކުރައްވައި، ޒަމާނީ ފެންވަރަކަށް ހައްދަވައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ތިނަދޫއަށް ވެވަޑައިގެންނެވި ބައެއް ވަޢުދުތަކުގެ ތެރޭގައި ބޯހިޔާވަހިކަމަށް ޙައްލެއް ގެނެސްދެއްވުމުގެ ގޮތުން 1000 ހައުސިން ޔުނިޓު އެޅުމާއި، ތިނަދޫގެ ހުރިހާ މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަކަށް ހަދައިދިނުމާއި، ސްޕެޝަލް އިކޮނޮމިކް ޒޯނެއް ޤާއިމްކުރުމާއި، ޒުވާނުންނަށް ޚާއްސަކޮށް ރޭސިން ޓްރެކެއް އެޅުން ހިމެނެއެވެ. މީގެ އިތުރުންވެސް ތިނަދޫ ތަރައްޤީކުރުމަށް އެކި މަސައްކަތްތައް ކުރައްވާނެކަމަށް މުއިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.