ޚަބަރު ސިޔާސީ

އެމްޑީއޭއިން ރައީސް ޞާލިޙް ދޫކޮށްލެއްވިނަމަވެސް އަދާލަތުން ތިބީ އެމަނިކުފާނާއިއެކު، އިންތިޚާބު ކާމިޔާބުވާނެ: އިމްރާން

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލިނަމަވެސް، އަދާލަތު ޕާޓީން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއާއެކު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިމްރާން މިހެން ވިދާޅުވެފައިވަނީ އެމްޑީއޭއިން އެމްޑީޕީއާއެކު އެކުލަވާލި ކޯލިޝަން ރޫޅާލުމަށްފަހު ޕީޕީއެމްއަށް ތާއީދުކުރަން ނިންމެވުމާއި ގުޅިގެން، އަދާލަތުންވެސް އެފަދަ ނިންމުމެއް ނިންމަން އުޅޭކަމުގެ ޚަބަރުތައް ލިބޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

ތޯރިގަށް ރައްދު ދެއްވަމުން އިމްރާން ވިދާޅުވީ ތޯރިގުމެން ފަދަ ބޭފުޅުން ފެނިވަޑައިގަންނަވަނީ ޤައުމާއި ރައްޔިތުންނަށް ހުރި ނުރައްކަލެއްގެ ސިފައިގައި ކަމަށެވެ.

"މަނިކުފާނަށް ހުވަފެނެއް ފެނިގެންތޯ ތިއުޅުއްވަނީ!؟ ރައީސް އިބޫއާއެކު ނިކުމެމިތިބީ މިގައުމާ ރައްޔިތުންގެ ހައްގުގައި. މި އިންތިޚާބުގަ ތިބޭފުޅުން ފެންނަނީ ގައުމާ ރައްޔިތުންނަށް ހުރި ބިރުވެރި ނުރައްކަލެއްގެ ގޮތުގަ. މާތްاللهގެ ވާގިފުޅާއެކު މި އިންތިޚާބު އަޅުގަނޑުމެން ކާމިޔާބުކުރާނަން" އިމްރާން ވިދާޅުވިއެވެ.

އެމްޑީއޭއިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން ނުފެންނާތީ ޕީޕީއެމް/ޕީއެންސީއާއިއެކު ކުރިއަށް ދިއުމަށް ނިންމީ އެ ޕާޓީގެ 33 ކައުންސިލް މެމްބަރުންގެ ސާފު އައުލަބިއްޔަތުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!