ޚަބަރު ސިޔާސީ

މުއިއްޒުގެ ސިޔާސަތުގައި ކެންސަރު ފަދަ ބަލިތައް މަދުކުރުމަށް ޚާއްޞަ ސަމާލުކަމެއް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުގެ ސިއްޙީ ދާއިރާގެ ސިޔާސަތުގެ ތެރޭގައި ޕްރިވެންޓިވް ހެލްޓު ކެއަރ ގެ ދަށުން ކެންސަރު ފަދަ ބަލިތައް ފެތުރޭލެއް މަދުކުރަން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ޕްރޮގްރާމެއްގައި، މުއިއްޒުގެ ވެރިކަމެއްގައި ކެންސަރ ޕޭޝަންޓުންނަށް ޙާއްސަ ހޮސްޕިޓަލެއް ނުވަތަ ކެންސަރ ޕޭޝަންޓުންނަށް ރާއްޖޭގައި ތިބެގެން ފަރުވާ ކުރެވޭނޭ މަގެއް ފަހިކޮށްދެއްވުމުގެ އެއްވެސް ކަހަލަ ޕްލޭނެއް އޮތްތޯ ބޭފުޅަކުވަނީ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވުމުގެ ގޮތުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި ސިއްޙީ ދާއިރާއަށް ހުށަހެޅިފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި މިހާތަނަށް އެހާބޮޑު ސަމާލުކަމެއް ދީފައިނުވާ ދެކަން ހިމެނޭކަމަށެވެ.

"އެއްކަމަކީ އަދި މިހާތަނަށް އަލިއަޅުވާލާފައި ނުވާ ދާއިރާއެއް، އެއީ ބަލިވުމުގެ ކުރިން ބަލިތަކުން ދުރުވުމަށްޓަކައި ބަލިތަކުން ދުރުވިމަށްޓަކައި ކުރަންޖެހޭ ކަންކަން. ޕްރިވެންޓިވް ހެލްތ ކެއަރ އާއި ޕަބްލިކް ހެލްތް ދާއިރާއަށް ދޭންޖެހޭ ސަމާލުކަށް އެކަށީގެންވާ ގޮތުގަ ދިނުން އަޅުގަނޑުމެންގެ ވަރަށް ބޮޑު ސަމާލުކަމެއް ދޭކަމެއް" މުއިއްޒު ވިދާޅުވިއެވެ.

އަދި ކެންސަރއަކީ މިގޮތުން ބަލި ފެތުރުމުގެ ކުރިން ލައިފް ސްޓައިލްއަށް ގެންނަންޖެހޭ ބަދަލުތަކުންނާއި ކާންބޯން ބޭނުންކުރާ ތަކެތި ހެޔޮ ގޮތުގައި ބޭނުންކުރާނަމަ އަދި އެފަދަ "ބިހޭވިއަރަލް" އެތައް ކަމަކުން ވަރަށް ބޮޑަށް މަދުކުރެވިދާނެ ބައްޔެއްކަމަށާއި އެފަދަ އެތައް ބައްޔެއްވެސް ޕްރިވެންޓިވް ހެލްތް ކެއަރ ގެ ދަށުން އެބައްޔަށް އެކަށީގެންވާ ސަމާލުކަން ދެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންވީމާ މުއިއްޒުގެ ސިއްޙީ ދާއިރާގެ މެނިފެސްޓޯގައި ހުށަހަޅަނީ އެފަދަ ބަލިތަކުން މީހުން ފުރުކުރުމަށްކަމަށާއި އަދި ރައްޔިތުން އެބަލި ޖެހުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކުން ހޭލުންތެރިކުރުވުންކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެ ބަލި ޖެހުމުން ދެން ރާއްޖެއިން އެ ބައްޔަކަށް ޚާއްސަ ރަނގަޅު ފަރުވާ ލިބޭނެގޮތް ހަމަޖެއްސުމަކީވެސް އެހާ ސަމާލުކަން ދެއްވާނެކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މާލެ ސަރަހައްދަށް ބަލާއިރު އައިޖީއެމްއެޗް އެހެރީ ވަރަށް ބޮޑަށް ވީރާނާވެފަ، ނޫނީ ޚިދުމަތް ވަރަށްބޮޑަށް ދަށް ފެންވަރަކަށް ގޮސްފަ، އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ އައިޖީއެމްއެޗްގެ ޚިދުމަތްވެސް ވަރަށް ބޮޑުތަނުން ރަނގަޅުކުރާނަން، އަދި ދަރުމަވަންތަ ހޮސްޕިޓަލް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަރައްޤީކޮށް އެތަނުގައި ދެވޭ ޚިދުމަތްތައް ރަނގަޅުކޮށްދޭނަން" މުއިއްޒު ވިދާޅުވިއެވެ.

އަދި ދަރުމަވަންތަ ހޮސްޕިޓަލް އިތުރަށް ފުޅާކޮށް ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތް ލިބޭފަދަ ތަނަކަށް އެތަން ބަދަލުކުރައްވާނެކަމަށާއި ރާއްޖޭގެ އިތުރު ދެ ސަރަޙައްދެއްގައި ހުންނަ ހޮސްޕިޓަލްތަކުން އެންމެ މަތީ ފެންވަރުގެ ޚިދުމަތްލިބޭ ގޮތް ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ ކުޅުދުއްފުށި ސިޓީއާއި ދެކުނަށް އޮންނަ ހިތަދޫ ހޮސްޕިޓަލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!