ޚަބަރު ސިޔާސީ

"ޗާޖް ނޫނީ ރިލީސް" ވާނުވާގައެއް އެއްވެސް ޤައިދީއަކު ނުބަހައްޓާނަން: މުޢިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރެއްގައި ވާނުވާގައި އެއްވެސް ޤައިދީއަކު ނުބަހައްޓަވާނެކަމަށާއި 48 ގަޑި އިރުތެރޭގައި އެމީހާ ބަންދުކުރާނީތޯ ނޫނީ ދޫކޮށްލާނީތޯ، މި ދެގޮތުންކުރެ ކޮންމެވެސް އެއްގޮތެއް ނިމިގެންދާނެކަމަށް މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މުޢިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިރޭ ސަލްޓަމްޕާކުގައި އޮތް އިވެންޓުގައި, 2013 އިން 2018 އަށް އޮތް ވެރިކަމުގައި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނަށް އެ ސަރުކާރުން އަނިޔާކުރިކަމަށާއި މުއިއްޒު ވެރިކަމަށް ހޮވިވަޑައިގެންނެވިޔަސް ހަމަ ކަންތައްކުރައްވާނީ އެފަދައިންކަމަށް އިދިކޮޅުން މިހާރުވެސް ވިދާޅުވާތީ އަނިޔާވެރިޔަކަށް މުއިއްޒު ވެދާނެތޯ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އިދިކޮޅުން އެ ފަތުރާ ވާހަކަތަކަކީ އެއްވެސް ދެކޮޅުޖެހޭ ވާހަކަތަކެއް ނޫންކަމަށާއި އަނިޔާވެރިކަމުގެ ވާހަކަ ދައްކާއިރު މި ސަރުކާރުން މީހުންނަށް ދިން އަނިޔާތައް އެބަހުރި ކަމަށެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ފުރިހަމަ ޔަޤީންކަމަކީ އަޅުގަނޑު ޤާއިމްކުރާ ސަރުކާރެއްގައި އަނިޔާވެރިކަން ނޯންނާނެޔޭ، އެބޭފުޅުން އެދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ، މަޖީދީ މަގު މެދުގައި ރައީސް ނަޝީދު މަރާލައި ބޮންގޮއްވާލުން އަނިޔާއަށް ނުވަންޏާ ކޮބައިތޯ އަނިޔާ؟ އެއީ ބޮޑު އަނިޔާވެރިކަމެއް، އެކަން ބެލުނީއެއްނޫން. އަޅުގަނޑު މިދަންނަވަނީ އެކަންވެސް އިރާދުކުރެއްވިއްޔާ އިންސާފުވެރިކަމާއިއެކީގައި ދެފުށް ފެންނަ ގޮތުގައި ބަލައި އިންސާފު ޤާއިމްކޮށްދޭނީ އަޅުގަނޑުމެންގެ ސަރުކާރެއްގައޭ" މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޔާމީނަށް މި ސަރުކާރުން ދޭ އަނިޔާއަށް އިޝާރަތްކުރައްވަމުން މުއިއްޒު ވިދާޅުވީ އެތައް ބަޔަކު ވާނުވާޖަހައި އެމީހުންނަށްވެސް މި ސަރުކާރުން އެތައް އަނިޔާއެއް ދޭކަމަށެވެ.

"ރައީސް ޔާމީނުއަށް އެ ދެމުންދަނީ އަނިޔާ، ނުޙައްޤުން، ސިޔާސީ ހުކުމެއް ކޮށްފަ ޖަލުގައި 1050 ދުވަސް ހަމަވާން އެދަނީ، އެތައް ބަޔަކު ވާނުވާ ނޭނގޭ ގޮތަށް، ވާނުވާ ޖަހާފައި ޖަލުގައި، އެތައް ބަޔަކު. އަޅުގަނޑުމެން މި ހުށަހަޅަނީ މި ވާނުވާ ނިޒާމު ނިމުމަކަށް ގެންނާނަމޭ" މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޖުޑީޝަރީއާއި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ސަރުކާރާއި އޮންނަ ގުޅުމުގެ ތެރެއިން އެ ގުޅުން ހަރުދަނާކޮށް ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެންމެ ގިނަވެގެން 48 ގަޑިއިރު ތެރޭގައި ޤައިދީންނާއިމެދު ވަކި ގޮތެއް ނިންމަވާނެކަމަށެވެ.

"ޕޮލިސްއާއި ޖުޑިޝަރީއާއި ޕީޖީއާއި މިހުންނަ ގުޅުމުގެ ތެރެއިން ހަރުދަނާކޮށް ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް މެކްސިމަމް 48 އަވާސް ތެރޭގައި ޗާޖް އޮ ރިލީސް، ކޮންމެވެސް އެއްގޮތަކަށް ނިންމާނެ، ވާނުވާއަކު ނުތިބޭނެ މީހުންނެއް އިރާދަކުރެއްވިއްޔާ" މުޢިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު އަނިޔާކުރަނީ ކޮން ބައެއްކަން ރައްޔިތުންނަށް މިހާރު އެނގިވަޑައިގަންނަވާނެކަމަށާއި މީހުންނަށް އަނިޔާ ކުރެވޭނީ އެމީހުން ހަމައެކަނި ޖަލަށް ލައިގެން އެތަނުގައި އެދޭ އަނިޔާއިން ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަނިޔާކުރަނީ ކޮން ބައެއްކަން އެބަ އިނގޭނޫންތޯ؟ އަނިޔާއަކީ ހަމައެކަނި ޖަލުގައި އަނިޔާކުރުން އެކަންޏެއް ނޫން، އެތައް ބަޔަކަށް ނަފްސާނީގޮތުން އެތައް އަނިޔާއެއް އެބަލިބޭ... ރަށްރަށަށް ދިޔައިމަ މި ފެންނަނީ ބިރުވެރިކަމުގެ މާހައުލެއްގައި އެތައް ބަޔަކު ތިބިތަން، ވަޒީފާގެ ބިރު އެހާ ބޮޑު، ސަފަށް އައިސް ސަލާން ކޮށްލާކަށް ނުކެރޭ، ދުރުގަ ބަލަން ހުންނަނީ ފެނަކައިގެ މެނޭޖަރު، މިއީ ހަމަ ކަންކަން ހިނގާފައި ހުރި ގޮތް އެއީ ހަމަ ނަފްސާނީ އަނިޔާ" މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނުގެ ސަރުކާރެއްގައި އަނިޔާވެރިކަން ނޯންނާނެކަމަށާއި އެމަނިކުފާނު މި ވަޑައިގަންނަވަނީ އަނިޔާވެރިކަން ނިމުމަކަށް ގެންނަންކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!