ރައީސް ކަމަށް މޭޔަރު ޑރ. މުޢިއްޒު ހޮވިވަޑައިގެންފައި ވާތީ މާލެ ސިޓީ ކައުންސިލުން މަރުހަބާ ދަންނަވައިފި
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެ ވަޑައިގެންފައި ވާތީ މާލޭ ސިޓީ ކައުންސިލުގެ ނަމުގައި އެ މަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.
އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން މާލޭ ސިޓީއަށާއި މާލޭ ސިޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އަދި ރާއްޖޭގެ އެހެން ބައެއް ރަށްރަށަށްވެސް ޚިދުމަތްކުރައްވަމުން ގެންދަވަމުން، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ތަނަވަސް އަޣުލަބިއްޔަތަކުން އިންތިޚާބް ކާމިޔާބުކުރައްވާފައި ވާތީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކާމިޔާބީ ފާހަގަކޮށް އެ ކައުންސިލްގެ ނަމުގައި މަރުހަބާ ދަންނަވާ ކަމަށެވެ.
މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައިގެން ޑރ. މުޢިއްޒު ފާއިތުވި ދެ އަހަރު ދުވަހު މާލޭ ސިޓީއަށް ޚިދުމަތްކުރެއްވުމުގައި ނުހަނު ބުރަކޮށް މަސައްކަތް ކުރައްވައި ސިޓީ ކައުންސިލްގެ ހިންގުން ރަނގަޅު ކުރައްވައި ހަރުދަނާ ކުރައްވައި، ޚިދުމަތްތައް ފުޅާކުރައްވައި ޒަމާނީ ހަލުވި ޚިދުމަތްތަށް ތަޢާރަފް ކުރެއްވިކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ލާމަރުކަޒީ ޤާނޫނުން ލާޒިމްކުރާ ކަންކަން އޭގެ ފުރިހަމަ މަޚްފޫމްގައި ތަރުތީބުން ކުރައްވައި ކައުންސިލްގެ އާމްދަނީ އިތުރު ކުރައްވައި،ޑރ. މުޢިއްޒު ރައްޔިތުންގެ އަޑުއައްސަވައި މަޝްވަރާ ކުރައްވައި ރައްޔިތުން ގާތަށް ވަޑައިގެން ޙާލުބައްލަވައި މަޝްވަރާ ބައްދަލުވުންތައް ބޭއްވި ކަންވެސް އެ ފުރުޞަތުގައި ވަނީ ފާހަގަކޮށްފައެވެ.
ހަމަ އެހެންމެ ސިޓީ ކައުންސިލްގެ ޓީމް ގޮވައިގެން އެ މަނިކުފާނު މަސައްކަތްކުރެއްވި ދުވަސްތަކަކީ މުވައްޒަފުންނަށް އުފާވެރިކަން ގެނެސްދީ މުވައްޒަފުންގެ އަގުވަޒަންކޮށް މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތް ކުރެއްވި ދުވަސްތަކެއްކަން ވަނީ ފާހަގަކޮށްފައެވެ.