އިންތިޚާބުން އަލަށް އަންނަ ވެރިކަމަށް އެއްބާރުލުންދިނުމަކީ ރައްޔިތުންގެ ޒިންމާއެއް: ރައީސް މައުމޫން

އިންތިޚާބަކުން އަލަށް އަންނަ ވެރިކަމަކަށް މަރުޙަބާ ވިދާޅުވެ އެއްބާރުލުން ދެއްވުމަކީ ރައްޔިތުންގެ ޒިންމާއެއްކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ނިޒާމު ބަދަލުކުރުމުގެ ބަހުސްތައް ހޫނުވެފައިވާ މި ދަނޑިވަޅުގައި މައުމޫން ވިދާޅުވީ ޑިމޮކްރަސީއެއްގައި ވެރިކަން ބަދަލުވަނީ އިންތިޚާބަކުން ކަމަށްވާއިރު ޤައުމުގެ ހަމަޖެހުމައި ކުރިއެރުމަށްޓަކައި އިންތިޚާބުން އަލަށް އަންނަ ވެރިކަމަކަށް މަރުޙަބާ ކިޔަންޖެހޭނެކަމަށެވެ.
ރިޔާސީ ނިޒާމު ބަދަލުކުރުމުގެ ޤަރާރެއް ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ ޤަރާރަށް ބަހުސް ކުރުމަށް މަޖިލީހުން ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް މިވަގުތު ރާއްޖެ ސިޔާސީ ގޮތުން ހަލަބޮލިވެފައިވާއިރު، ގިނަ ސިޔާސީ ލީޑަރުންނާއި ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ނިޒާމް ބަދަލުކުރަން އެކަށޭނަ ވަގުތެއް ނޫނެވެ.
އިންތިޚާބަކުން ރައްޔިތުން ވެރިޔަކު ހޮވުމުން، އެ ވެރިޔަކަށް ވެރިކަން ކުރުމުގެ ފުރުޞަތު ދެވެން ވާނެކަމަށް ގިނަ ބޭފުޅުންދަނީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް ރައީސް ނަޝީދު ވިދާޅުވަނީ މިއީ ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެންމެ އެކަށޭނަ ވަގުތު ކަމަށާއި ރައްޔިތުންގެ އެދޭފަދަ ދެފުއް ފެންނަ ވެރިކަމެއް ކުރެވޭނީ ނިޒާމު ބަދަލުކޮށްގެން ކަމަށެވެ.