ކޮންޓެކްޓު ޓްރޭސިން އެޕްތަކުން ކޮވިޑް ފެތުރުން ކޮންޓްރޯލެއް ނުވޭ: ދިރާސާ

ކޮންޓެކްޓު ޓްރޭސިން އެޕްތަކުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވާ ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.
ލެންސެޓު ޑިޖިޓަލް ހެލްތު ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުގައި ހަމައެކަނި ޓްރޭސިން އެޕްތަކުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ވުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި ކޮންޓެކްޓު ޓްރޭސިންގެ އިތުރުން މާސްކު އެޅުމާއި، އިޖުތިމާއީ ގައިދުރުކަން ދަމަހައްޓައި ސާފުތާހިރު ކަމަށް އިސްކަން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކޮންޓެކްޓު ޓެރޭސިން އެޕްތަކުގެ މުހިންމުކަން ދެނެގަތުމަށް ކުރި މި ދިރާސާގައި 4 ހާހަށް ވުރެ ގިނަ ދިރާސާ ވަނީ ބަލާ ދިރާސާ ކޮށްފައެވެ.
އެގޮތުން ބެލި ބެލުމުން ކޮންޓެކްޓް ޓްރޭސިން އެޕްތަކުން މާ ބޮޑު ފައިދާ އެއް ވާކަމަށް ދައްކާފައި ނުވާ ކަމުގައި ވެސް ވަނީ ފާހަގަ ކޮށްފައެވެ.