މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރުގެ މީޑިއާތަކަށް ދަޢުވަތު އަރުވައިފި

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބައިނަލްއަޤްވާމީ މީޑިއާތަކަށް ރައްޔިތުންގެ މަޖިލީހުން ދައުވަތު އަރުވައިފިއެވެ.
މި ފުރުޞަތު ހުޅުވާލައިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިޢުލާނުގައި ބުނެފައިވާ ގޮތުން ބޭރުގެ މީޑިއާތަކުގެ ފަރާތްތަކުގެ ވިސާގެ ކަންކަން ހަމަޖެއްސުމުގައި މަޖިލީހުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އަދި މި ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި ޓިކެޓާއި ހުރުން ފަދަ ޚަރަދުތައް މަޖިލީހުން ހަމަޖައްސައިނުދޭނެ ކަމަށާއި އެކަން ކުރަންޖެހޭނީ އެމީހަކު ނިސްބަތްވާ މީޑިއާ އައުޓްލެޓަކުން ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ހުވާކުރައްވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. މި ރަސްމިއްޔާތު ބާއްވާނީ ޖުމްހޫރީ މައިދާނުގައެވެ.
މި ރަސްމިއްޔާތަށް އަވަށްޓެރި ޤައުމުތަކާއި އިތުރު އެކުވެރި ޤައުމުތަކުގެ ވެރިންނަށް ވެސް ވަނީ ދަޢުވަތު އަރުވައިފައެވެ.