ޚަބަރު

އޭސީސީން ބަލަމުންދާ މައްސަލަތަކަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިން ހިނގާފައިވާ ކަންތައްތަކެއް: ފެނަކަ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އެންޓި ކޮރަޕްޝަން ކޮމިޝަނުން ފެނަކަ ކޯޕަރޭޝަންއާއި ގުޅިގެން ބަލަމުންދާ 75 މައްސަލައަކީ 2012 ވަނަ އަހަރު އެ ކުންފުނި ވުޖޫދު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި މައްސަލަތަކުގެ ޢަދަދުކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ވިދާޅުވެއްޖެއެވެ.

Ads by STELCO

ފެނަކަ ކޯޕަރޭޝަންއާއި ގުޅޭ 75 މައްސަލައެއް މިވަގުތުވެސް ތަޙުޤީޤުކުރަމުންދާކަމަށާއި، މިހާތަނަށް 20 މިލިއަން ރުފިޔާ ހޯދަން އަންގާފައިވާކަމަށް އޭސީސީންވަނީ އިއްޔެ ވިދާޅުވެފައެވެ.

އޭސީސީން ވިދާޅުވީ، ތަޙުޤީޤުކުރަމުންގެންދާ މައްސަލަތަކުގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭކަމަށެވެ.

މިކަމާއި ގުޅިގެން ފެނަކައިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ޒިންމާވާ ފަރާތްތަކުގެ އަތުން ކުންފުންޏަށް ހޯދުމަސް އޭސީސީން އަންގަވާފައިވާ 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިގަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަކީ، 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ހިންގާފައިވާ ޖުމްލަ 4 މުޢާމަލާތަކާއި ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާކަމަށެވެ.

އެގޮތުން، ސަދަން ޔުޓިލިޓީ ކުންފުނީގެ ކުރީގެ ފިނޭންސް ޑިރެކްޓަރު ކިޔަވަން ދިއުމަށް ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނާ 240،000 ރުފިޔާއަކާއި ޑޮލަރު ގަތުމަށް 2016 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު ކުރި މުއާމަލާތަކުން ލިބެން ޖެހޭ 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އަމިއްލަ ކުންފުންޏަކާ އެކު 2015 ވަނަ އަހަރު ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ކުންފުނީގެ ޕްރިކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަން ޖެހޭ ޖޫރިމަނާ ފައިސާ އުނިނުކޮށް އެ ކުންފުންޏަށް ފައިސާ ދޫކުރުމުގެ ސަބަބުން ފެނަކައަށް ލިބުނު ގެއްލުމަށްވާ 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭސީސީން ވިދާޅުވާ މައްސަލަތަކުގައި ހުރި ކަމަށާއި، އަދި ފެނަކައަށް ބޭނުންވާ ބިލިން ސޮފްޓްވެއާއެއް ހޯދަން 2017 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު ކޮށްފައިވާ މުއާމަލާތަކުން ކުންފުންޏަށް ގެއްލިފައިވާ 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމެނޭކަމަށްވެސް ފެނަކައިން މަޢުލޫމާތުދެއްވައެވެ.

އޭސީސީން އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ފެނަކަ ހިންގުމުގައި ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި، އެހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަޙުޤީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ، އެރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

Ads by HDC
  1. އަޑިކޮންނަ

    ކުރީސަރުކާރުން ހިންގާފައިވާކމެއް ކަމުގައިވާނަމަ ކީއްވެ ކަލޭ ހަވާލުވެފަ ތިބުނާފަދަ ކަންކަންބަލާފަ ރައްޔިތުންނާ ހިއްސާ ނުކުރީ.

  2. ދެންހުދުކާފޫރު ކީވެތޯ އޭރުއެމައްސަލަނުބެލީ މިސަރުކާރުން ކުއް.އުައްދާގެންވެސް ކުރީސަރުކާރުގެމީހުން ޖަލުގަޔާ މައްސަލަތަކުގާ ގަނަތަޅުވަންބޭނުއްވެގެންއުޅުޭއިރު ބުއްދިގަބޫލުކުރެވޭވާހަކަދެއްކުންބުއްދިވެރި އޯކޭ