އައްޑޫ ސިޓީ ފޭދޫ އިން އިތުރު މީހަކު ކޮވިޑަށް ފައްސި ވެއްޖެ

އައްޑޫ ސިޓީ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެޗްއީއޯސީން ބުނީ މި ބައްޔަށް ފޭދޫން ފައްސިވި ތިންވަނަ މީހާ އަކީ އުމުރުން 25 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާ އަކީ އިއްޔެ ފޭދޫން ފައްސިވި އުމުރުން 27 އަހަރުގެ ފިރިހެން މީހާގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.
ފޭދޫ ހޯމް ކަރަންޓީނުގައި ހުރި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ދިވެހި އަންހެނަކާއި އަދި މަރަދޫ ހޯމް ކަރަންޓީނުގައި ހުރި އުމުރުން 23 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއް ވެސް އިއްޔެ ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
މި ތިން މީހުންގެ ފަރާތުން ވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށާއި، އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.