ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ޚާއްސަ ވުޒާރާއެއް ޤާއިމްކުރާނަން: ޑރ. މުޢިއްޒު
ކޮންސްޓްރަކްޝަން ދާއިރާ އަށް ޚާއްސަ ވުޒާރާއެއް އެ މަނިކުފާނުގެ ސަރުކާރުގައި ޤާއިމްކުރައްވާނެކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުޢިއްޒު މިހެން ވިދާޅުވީ ރޭ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިސްނަގައިގެން ގިނަ ދިވެހި ވިޔަފާރިވެރިންތަކެއް ބައިވެރިވެގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން، އިމާރާތްކުރުމުގެ ދާއިރާއަކީ ދެ ވަނަ އަށް ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށާއި މިހާތަނަށް އައި ކޮންމެ ސަރުކާރަކުން ވެސް އެކި ވަރަށް އެ ދާއިރާ އަށް އެހީތެރިވެފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާ އަށް އެއްބާރުލުން ދިނުމަށް އަދިވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ.
އަދި އެހެން ބޮޑެތި ސިނާއަތުތަކަށް ޚާއްސަ މިނިސްޓްރީއެއް ހުރިނަމަވެސް ކޮންސްޓްރަކްޝަން ދާއިރާ އަބަދުވެސް އޮތީ މިނިސްޓްރީއެއްގެ ދަށުގައިކަމަށާއި އެހެންކަމުން އެ ކަމަށްޓަކައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ހާއްސަވާ ގޮތަށް މިނިސްޓްރީ އުފައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ނަމުގައި ޝާމިލްވާ ގޮތަށް ވުޒާރާއެއް ގާއިމް ކުރާނަން. ބޭނުމަކީ ދާއިރާ އަށް އިތުރަށް ސަމާލުކަން ދިނުން،" ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓްރީގައި ވަޒީފާ އަދާކުރައްވައި ފަހުން ހައުސިން މިނިސްޓަރުކަން" ޑރ. މުޢިއްޒު ވިދާޅުވި އެވެ.
އެންމެ ފަހުން ރާއްޖޭގައި ކޮންސްޓްރަކްޝަން މިނިސްޓްރީއެއް ހިންގީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގަ އެވެ. ނަމަވެސް އެފަހުން އައި ހަތަރު ވެރިކަމުގައި ވެސް އިމާރާތް ކުރުމުގެ ދާއިރާ އަށް ޚާއްސަ މިނިސްޓްރީއެއް ނެތްއިރު ވިޔަފާރިތަކާއި ސިނާއަތްތަކުން މަސައްކަތް ކުރާއިރު ޤައުމީ ވިސްނުން އިސް ކުރަން ޖެހޭކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު، ރާއްޖޭގެ ކޮންމް ދާއިރާ އަކަށް ބެލިނަމަވެސް ގިނައިން ފެންނަނީ ބިދޭސީން މަސައްކަތް ކުރާ މަންޒަރު ކަމަށާއި އޭގެ ބަދަލުގައި ދިވެހިންނަށް އިސްކަން ދޭން ޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.