މިއަހަރު ނިމެންދެން ފަތުރުވެރިންނަށް ބާލީ ބަންދު
ޗުއްޓީއަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކުރާ އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ބާލީ، ފަތުރުވެރިންނަށް މިއަހަރު ދެން ހުޅުވާނުލާނެ ކަމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މީގެ ކުރިން އިންޑޮނޭޝިއާ ސަރުކާރުން ބުނެފައިވަނީ ފަތުރުވެރިންނަށް އަންނަ މަހުން ފެށިގެން ބާލީއަށް ޒިޔާރަތްކުރަން އަލުން ފެށޭނެ ކަމަށެވެ. ނަމަވެސް އެޤައުމުގައި ކޮވިޑް-19 ފެތުރެމުން އަންނަ މިންވަރު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ، އިންޑޮނޭޝިއާ ސަރުކާރުން ވަނީ އެނިންމުން ބަދަލުކޮށް މިއަހަރު ދެން އެރަށަށް ފަތުރުވެރިން ދިޔުން މަނާ ކޮށްފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އިންޑޮނޭޝިއާގެ މިނިންމުމުގެ ސަބަބުން އިޤްތިޞާދަށް ކޮށްފާނެ އަސަރަކާއިމެދު އެޤައުމުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ބާލީގެ ރީތި ބީޗުތަކާއި، ޤުދުރަތީ ރީތިކަމުގެ ތެރޭގައި ހަދާފައި ހުންނަ ތަފާތު އެކިކަހަލަ އުނދޯއްޔާއި އެހެނިހެން އެކި ބިނާތައް ބަލާލުމަށްޓަކައި ކޮންމެ އަހަރަކު އެރަށަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. ނަމަވެސް އެހެން ޤައުމުތަކުން ކޮވިޑް-19 ފެންނަން ފެށުމާއެކު ބާލީއަށް ޒިޔާރަތް ކުރަމުންދިޔަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފައެވެ. ހަމަ އެހެންމެ އިންޑޮނޭޝިއާއިން ވަނީ އެހެން ޤައުމުތަކުގެ މީހުންނަށް އެގައުމުގެ ބޯޑަރުތައް ވެސް ބަންދު ކޮށްފައެވެ.