އިންތިޚާބުގެ ޤާނޫނަށް ގެނައި އިސްލާހު: ފޯމު ހުށަހަޅާތާ 5 ދުވަސް ތެރޭގައި ފޯމު ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން އީސީން ލިޔުމުން އަންގާނެ
ފޯމު ހުށަހަޅާތާ 5 ދުވަސް ތެރޭގައި ފޯމު ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން އީސީން ލިޔުމުން އަންގަން ޖެހޭނެ ކަމަށް އިންތިޚާބުގެ ޤާނޫނަށް ގެނައި އިސްލާހުގައި ހިމަނައިފިއެވެ.
ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ތަޞްދީޤު ކުރައްވާފައެވެ.
މި ބިލަކީ، 2023 އޮކްޓޫބަރ 25 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި، އެމީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން، އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
އަދި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުމާމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމުގައާއި، އެ ނިންމުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް އެންގުމުގައި ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި ޢަމަލުކުރާނެ އުޞޫލުވެސް ވަނީ މި ބިލުގައި ކަނޑައަޅާފައެވެ.
މީގެ އިތުރުން ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ބޭނުންވާ ނަމަ ކަނޑައަޅާފައިވާ މުއްދަތު ގުނަން ފަށާނީ އިސްވެ ބަޔާންކުރެވުނު 5 ދުވަސް ހަމަވާ ވަގުތުން ފެށިގެންކަމުގައި ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.