ޚަބަރު ސިޔާސީ

ރައީސް ނަޝީދުގެ މައްސަލައަށް ޑިމޮކްރަޓްސް ޕާޓީ އެކުގައި ތަދައްޚުލްވާން ނިންމައިފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހުގައިވެސް، އެ މައްސަލަ ކުރިއަށް ނުގެންދެވިފައިވާތީ އެމްޑީޕީން އިސްވެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް، ދަ ޑިމޮކްރަޓްސް ޕާޓީން ތަދައްޚުލްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

Ads by Sosun Fihaara

މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޑިމޮކްރަޓްސްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ ގަރާރެއް ހުށަހަޅައިފައެވެ. މި ގަރާރުގައި ޢަލީ އާޒިމް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޑިމޮކްރަޓުންގެ ޙައްޤު ހިމެނޭކަމަށާއި، ކޯޓުގެ ނިންމުމުގެ ސަބަބުން އެ ޕާޓީއަށްވެސް އަސަރު ކުރާނެކަމަށެވެ.

މި މައްސަލައިގައި އެ ޕާޓީ އެކުގައި ތަދައްޚުލްވާން ނިންމީ، ވަކިވަކި މެންބަރުން ތަދައްޚުލްވާން އެދުމުން ސުޕްރިމް ކޯޓުން ވަކިވަކި މެންބަރުންނަށް ތަދައްޚުލްނުވެވޭނެ ކަމަށް ޖަވާބު ދީފައިވާތީކަމަށް އެ ޕާޓީން މަޢުލޫމާތުދީފައިވެއެވެ.

މި މައްސަލައިގައި ތަދައްޚުލްވުމަށް ފުރަތަމަ އެދިފައި ވަނީ ޑިމޮކްރެޓްސްގެ މެންބަރުންގެ ތެރެއިން ރައީސް ނަޝީދާއި ނާއިބު ރައީސް އީވާ ޢަބްދުﷲ ނުހިމެނޭ ގޮތަށް މާލޭގައި ތިއްބެވި މެންބަރުންނެވެ.

މި މައްސަލާގައި ޑިމޮކްރަޓްސްގެ ފަރާތުން ވަކާލާތުކުރާނީ ޕާޓީގެ ވަގުތީ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ކަނޑައަޅުއްވާ ބޭފުޅެކެވެ.

އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފައި ވަނީ މާދަމާ 10:00 އަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!