ޚަބަރު ސަރުކާރު

އަނަސްގެ މަރުގެ މައްސަލައިގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދާ ކުއްޖާއަށް ރައީސް އަދަބު ލުއިކޮށްދެއްވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ކުށް ސާބިތުވެ، 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ 18 އަހަރުން ދަށުގެ ކުއްޖާއަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދަބު ލުއިކޮށްދެއްވައިފިއެވެ.

Ads by MWSC

މިކަން ހާމަކޮށް "ދެން އޮންލައިން" އަށް މަޢުލޫމާތު ދެމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ ކްލެމެންސީ ޤާނޫނުގެ ދަށުން ރައީސް ޞާލިޙް ވަނީ އެ ކުއްޖާގެ 18 އަހަރުގެ ޖަލު ހުކުމް 10 އަހަރަށް ކުޑަ ކޮށްދެއްވާފައި ކަމަށެވެ.

އަދަބު ލުއިކޮށްދެއްވި ނަމަވެސް އަދިވެސް ޖަލު ހުކުމުގައި ބާކީ އަހަރުތަކެއް އޮތުމުން އެ ކުއްޖާ އަދިވެސް އޮތީ ޖަލުގައި ކަމަށް ކަރެކްޝަނުން ހާމަކުރެއެވެ.

އަނަސްއަށް ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 31ވަނަ ދުވަހުގެރޭ ސައިކަލުތަކެއްގައި އައި 8 މީހުންގެ ގްރޫޕަކުންނެވެ.

އެގޮތުން މި މައްސަލައިގައި ކުޑަކުއްޖަކު ހިމެނޭހެން ޖުމުލަ އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ވެއެވެ. އެ ކުޑަކުއްޖާއަށް ކުށް ސާބިތުވެ، 18 އަހަރަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

އަނަސްގެ މަރުގެ ކުށް ސާބިތުވާ ކުޑަ ކުއްޖާއަށް ރައީސް ޞާލިހް އަދަބު ލުއި ކޮށްދެއްވާފައި ވާއިރު އެ މަނިކުފާނު މީގެ ކުރިން ވަނީ އަނަސްގެ މަަރަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!