ވަޒީރުންގެ ގެ އާއި ކާރުގައި ދިވެހި ދިދަ ނަގާފައި ބަހައްޓަން ޖެހޭ ގޮތަށް ނިންމަވައިފި
ސަރުކާރުގެ ވަޒީރުންގެ ގެ އާއި ކާރުގައި ދިވެހި ޤައުމީ ދިދަ ނަގާފައި ބަހައްޓަން ޖެހޭ ގޮތަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުހައްމަދު ފިރުޒުލްއެވެ.
އެގޮތުން ފިރުޒުލް ވިދާޅުވީ ރައީސް މުޢިއްޒުގެ ވިސްނުންފުޅަކީ ދިވެހި ދިދައަކީ ޤައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި ދިވެހި ރައްޔިތުން ރަމްޒުކޮށްދޭ އެންމެ މަތިވެރި ނިޝާން ކަމަށެވެ.
އެގޮތުން ފިރުޒުލް ވިދާޅުވީ ރައީސް މުޢިއްޒުގެ އިފްތިތާހީ ތަގުރީރުގައި ވެސް ފާހަގަކުރެއްވި ފަދައިން ސަރުކާރުގެ ރަސްމީ އިދާރާތަކުގައި 24 ގަޑިއިރު ދިވެހި ދިދަ ނަގާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
ހަމަ އެހެންމެ ސަރުކާރުގެ ވަޒީރުންގެ ގެކޮޅުތަކުގައި ވެސް ދިވެހި ދިދަ ނަގާފައި ބެހެއްޓުމަށް ރައީސް ނިންމަވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ވަޒީރުންގެ ކާރުކޮޅުތަކުގައި ވެސް ވަޒީރުން ތިއްބަވާ ވަގުތުތަކުގައި ދިވެހި ދިދަ ވިހުރިލާ ވިހުރިލާ ހުންނާނެ ކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.
ފިރުޒުލް ވިދާޅުވީ އެ ހުރިހާ ނިންމުންތަކެއްގެ މަޤްސަދަކީ ދިވެހި ދިދައަށް އޮތް ޝަރަފާއި ކަރާމާތް އިތުރުކުރުން ކަމަށެވެ.
މީގެ އިތުރުން ޤައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހިވަންތަ ޝަހުސިއްޔަތު ކުރިއަށް ނެރެ، އަމިއްލަވަންތަ ކަމަށްޓަކައި ފަހުރުވެރިވާ ޖީލެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް މިއީ މި ނިންމުންތަކުގެ މަޤްސަދު ކަމުގައި ފިރުޒުލް ވަނީ ވިދާޅުވެފައެވެ.