ޑޮލަރުގެ އަގު ކޮންޓްރޯލްނުކޮށް ދޫކޮށްލަން ޖެހިދާނެ: އެމްއެމްއޭ
ޑޮލަރުގެ އަގު ކުޑަކުރުމަށްޓަކައި އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފެށުމަށް މަޖުބޫރު ވެދާނެ ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއްޖެއެވެ.
2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ދެއްވި ޕްރެސެންޓޭޝަނެއްގައި މަރުކަޒީ ބޭންކުގެ ސީނިއާ ރިސާޗު އެނަލިސްޓު މުޙައްމަދު އިމްތިނާން ވިދާޅުވީ، ކުރިއަށް އޮތް އަހަރުގައި ފައިސާ ޗާޕުކުރަން ޕްލޭނެއް ކޮށްފި ނަމަ ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް އޯއެމްއޯ އެއް ފެށުމަށް މަޖުބޫރުވެދާނެކަމަށާއި، ޚަރަދުތައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިން ހޯދުމަށްވެސް މި ދަނޑިވަޅުގައި ދަތިވެފައިވާ ކަމަށެވެ.
"ކުރިޔަށް އޮތް އަހަރުގައި ވެސް މިފަދައިން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ރާވާކަމުގައިވާ ނަމަ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެމްއެމްއޭ އިން އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފެށުމަށް މަޖުބޫރުވެގެން ދާނެ،" އިމްތިނާން ވިދާޅުވިއެވެ.
މަރުކަޒީ ބޭންކުން ޑޮލަރުގެ އަގު ކޮންޓްރޯލްކުރުން ދޫކޮށްލަން ޖެހިދާނެކަމަށް ވިދާޅުވެފައިވާއިރު، ރަސްމީ ރޭޓުގައި ޑޮލަރު ލިބުމުގައި އެތައް ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ. އަދި މިވަގުތު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެނީ 17.30ރ.- 18.20ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް އެމްއެމްއޭއިން ދަރަނި ނެގުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށާއި އެއީ ބޭރުގެ މާލީ އިދާރާތަކުންނާއި އެ އޮތޯރިޓީން ވެސް ރެކޮމެންޑް ކުރާ ކަމެއް ނޫން ކަން ފާހަގަކުރައްވަމުން އިމްތިނާން ވިދާޅުވީ، މި އަހަރަށް ފައިނޭންސިންގެ ވެގޮތުގައި އަންދާޒާ ކޮށްފައިވާ އަދަދުން 200 މިލިއަން ޑޮލަރު ނޮވެންބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ބޭރުގެ ފައިނޭންސިންގެ އަދަދުތައް ނުލިބިއްޖެ ނަމަ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު އިތުރުވެ، ތަކެތީގެ އަގު އުފުލުމަކީ އެކަށީގެން ވާކަމެއް. ވުމާ އެކު، މި ހިރާސްތައް ކުޑަކުރުމަށްޓަކައި ދުރާލާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ހިމަނާފައިވާ ފައިނޭންސިން ހޯދުމުގެ މަސައްކަތް ކުރުމަށް މި އޮތޯރިޓީން ލަފާ އަރުވަން،" އިމްތިނާ ވިދާޅުވިއެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރަށް ލަފާކުރާ އާމްދަނީ އިން 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ނުލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށްވެސް އެބޭފުޅުން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އަންނަ އަހަރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ސިޔާސަތުތައް އަވަސް މުއްދަތެއްގެ ތެރޭގައި ތަންފީޒުކުރަން މަރުކަޒީ ބޭންކުން އެދިވަޑައިގަންނަވައެވެ.