ޚަބަރު

ބޭރުގެ ޕްލެޓްފޯމްތަކުން ޑޮލަރު އެކައުންޓަށް ޖަމާކުރުން ހުއްޓާލުމުން ރައްޔިތުން ރަތަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޭރުގެ ޕްލެޓްފޯމްތައް ކަމަށްވާ "ވިސާ ޑައިރެކްޓް" އާއި "މާސްޓާ ކާޑް ސެންޑް" ފަދަ ޑިޖިޓަލް ވޮލެޓުން ފޮނުވާ ފައިސާ ޑޮލަރު އެކައުންޓަށް ޖަމާ ކޮށްދިނުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުއްޓާލުމުން ގިނަ އަދަދެއްގެ ރައްޔިތުން ނުރުހުން ފާޅު ކޮށްފިއެވެ.

Ads by STELCO

މިކަމާއި ގުޅޭގޮތުން ބީއެމްއެލުން ނެރުނު އިއުލާނެއްގައި ބުނީ ބޭރުގެ ޓްރާންސްފާ ޕްލެޓްފޯމްތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށާއި މި ބަދަލާއެކު ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓާއި އެއް ފަރާތަކުން އަނެއް ފަރާތަކަށް އެފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާ ކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށް ކަމަށެވެ.

މިފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކަކީ އާންމުކޮށް ވަކި ފަރުދުން އޮންލައިން ޓްރޭޑިން އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ.

ބީއެމްއެލުން ބުނިގޮތުގައި މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް މިގޮތަށް ފައިސާ ދެން ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓުން ކަމަަށް ބީއެމްއެލުން ބުނެފައިވެއެވެ.

ބޭންކުން އިތުރަށް ބުނެފައިވަނީ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރާ އުސޫލަށް ބޮޑު ބަދަލެއް ގެނައި ނަމަވެސް ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމުތައް ފިޔަވައި އެހެންގޮތް ގޮތަށް ޓްރާންސްފާކުރާ ފައިސާ ނުވަތަ ޓީޓީ މެދުވެރިކޮށް ލިބޭ ޓްރާންސްފާތައް ޑޮލަރު އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށެވެ.

ބީއެމްއެލް މޯބައިލް ޕޭ މެދުވެރިކޮށް މިހާރު ވެސް ފައިސާ ފޮނުވާ އުސޫލުން ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!