ރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތުގައި ބަދަލު ދެވިގެން ނުވާނެ: ރައީސް ޑރ. މުޢިއްޒު
ރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިއަދު ވަނީ ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީ ސަރުކާރުން އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ އުވާލައްވާފަ އެވެ.
ރައީސް ޑރ. މުއިއްޒު ޓްވިޓަރގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ގަވާއިދާއި ޚިލާފަށް ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއްގޮަތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ރައީސް އޮފީހުން ބުނީ "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދަނީ، ޤާނޫނީ އޮނިގަނޑެއް ނެތި އަދި ޤާނޫނީ ބާރެއް ނެތި އެކުލަވާލާފައިވާ އުޞޫލަކަށް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސަށް ލަފާ ދެއްވާފައިވާ ކަމަށެވެ.
ސެޓްލްމަންޓް ކޮމެޓީ މިއަދު އުވާލިއިރު އެ ކޮމިޓީއިން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.