ފިލްމީ ފަންނާނުންގެ ފަރާތުން ފަލަސްޠީނަށް އެހީވާން 6 ލައްކައަށްވުރެ ގިނަ ރުފިޔާ

ފިލްމް އެސޯސިއޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ "އިންސާނިއްޔަތަށްޓަކައި" ކެމްޕޭނުގެ ދަށުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވާން ބޭއްވި ހަރަކާތްތަކެއްގައި ލިބުނު 600،000 އަށްވުރެ ގިނަ ރުފިޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް ޙަވާލުކޮށްފިއެވެ.
ފިލްމް އެސޯސިއޭޝަނުން ރޭ ބޭއްވި ހަފުލާއެއްގައި އެހީ ހަވާލުކޮށްފައިވާއިރު، ފަންނާނުން ކުރިއަށްގެންދިޔަ ހަރަކާތްތަކުން ޖުމްލަ 685،651.90ރ. ލިބިފައިވެއެވެ. ފަންނާނުން ވަނީ އެހުރިހާ ފައިސާއެއް ރަމްޒީ ޗެކަކާއެކު އައިއޭސީއާ ޙަވާލުކޮށްފައެވެ.
ފާއިތުވި އޮކްޓޫބަރު މަހުގެ 27 އިން މި މަހުގެ 3 އަށް ކުރިއަށް ގެންދިޔަ "އިންސާނިއްތަށްޓަކައި" ހަރަކާތުގެ ތެރޭގައި ފަންޑް އެކި އެކި ހަރަކާތްތަކެއް ފަންނާނުން ހިންގާފައިވާއިރު އޭގެ ތެރޭގައި، ކުޑަކުދިންގެ ހަވީރުތަކާއި ޖަމްބަލް ސޭލްތަކާއި މަސް ދަތުރުތަކާއި ފަންނާނުން ތަންތަނަށް ގޮސް ތަފާތު އެކި ކަހަލަ މަސައްކަތްކުރުން ހިމެނެއެވެ.