ރާއްޖޭގައި ބޭނުންކުރާ ހޮޑު ބޭހެއް ރާއްޖެ އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށްފި

ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ ހޮޑު ބޭހެއް ރާއްޖެ އެތެރެކުރުމާއި ބޭނުން ކުރުން މަނާ ކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ވިދާޅުވީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ ހޮޑު ބޭހެއް ކަމަށްވާ "އެޑިމޯން ސަސްޕެންޝަން"ގައި ޑައީތައިލިން ގްލައިކޯލް އަދި އިތައީލީން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އަމިއްލަ ބޭނުމަށް ބޭސްސިޓީއަށްވެސް މި ބޭސް އިމްޕޯޓް ކުރުމަކީ މަނާ ކަމެއް ކަމަށާއި މި ބޭސް އެތެރެ ކުރާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.