ޚަބަރު

ކުރީގެ ސަރުކާރަށް ކުރި ތުހުމަތުތައް ބަލައިދޭން އެމްޑީޕީން ގޮވާލައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
އަލިމަސް ކާނިވާާ ސަރަހައްދުގައި ކުރިއަށްދާ އުފާވެރި މާާލެ ޖަލްސާގެ ތެރެއިން | ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އެމްޑީޕީގެ ސިޔާސަތުތަކުން ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން އަމާޒު ކުރި ތުޙުމަތުތައް ތަޙްޤީޤުކުރުމަށް ޕަބްލިކް އިންކުއަރީއެއް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި އެވެ.

Ads by STELCO

މިއަދު މަޖިލީހަށް މި ޤަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްމުޣުނީއެވެ. މި ޤަރާރަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އއ. އުކުޅަހުގައި އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެގޮތަށް ނިންމައިގެން ހުށަހެޅި ޤަރާރެކެވެ.

އެގޮތުން، ރައީސް ޞާލިޙްގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ޤައުމީ ސަލާމަތާއި ސިޔާދަތަށް އަސަރު ކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރާކަމަށާއި، އެ ކަންކަމާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަޤީގަތް ހާމަކުރުމަށް ގޮވާލަމުންދާކަމަށް އެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، އެކަމުގެ ހަޤީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށާއި މަސްލަހަތު ހިމާޔަތްކުރުމަށް މުހިންމު ކަމެއް ކަމަށް ފާހަގަކުރައްވާފައިވާއިރު، އެ ޤަރާރުގައި ތަޙްގީގުކޮށްދޭން އެދިވަޑައިގެންފައިވާ މައްސަލަތަކުގެ ތެރޭގައި ރާއްޖޭގައި އެތައްހާސް އިންޑިޔާ ސިފައިން ތިބެ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލް ނަގާލުމަށް ރާވަމުން ދިޔަކަމަށް ކުރި ތުހުމަތު ހިމެނެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ކުރި ތުހުމަތުތައް ބެލުމަށް ގޮވާލާފައިވާއިރު، ދައުލަތް ޝާމިލްވެގެން ކޮރަޕްޝަން ހިންގިކަމަށް ބުނެ ކުރަމުން ދިޔަ ތުހުމަތުތައްވެސް ބެލުމަށް އެ ޤަރާރުގައި ގޮވާލައްވާފައިވެއެވެ.

"...އެމްޑީޕީގެ އަބަދުވެސް އުންމީދަކީ އަދި އަމާޒަކީ މި މަގުން ދިވެހިރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުން ކަމުގައިވީހިނދު؛ މި ފެށޭ ރިޔާސީ ދައުރުގައި އެމްޑީޕީގެ ދައުރު ނުހަނު މުހިއްމު ކަމުގައި ދެކޭ ހިނދު، ޑިމޮކްރަޓިކް އުސޫލުން ދިވެހިވެރިކަމުގެ އެންމެހައި ކަމެއް ހިންގުމަށް ބާރު އެޅުމަކީ މި ގައުމުގެ ހަމަޖެހުމަށް ނުހަނު މުހިންމު ކަމެއް ކަމުގައިވާތީވެ، އަނިޔާވެރިކަން އަނބުރާ އިއާދަވުން އެއީ ދިވެހި އެއްވެސް ރައްޔިތަކު ދެކެން ބޭނުންނުވާ ދުވަހެއް ކަމުގައިވާތީވެ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި މި ޕާޓީ އާއި ޕާޓީގެ ވެރިކަމާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން ބަޔަކު ބުހުތާނު ދޮގުތައް ފަތުރަމުން ދިޔުން އެއީ ފެންނަން އޮތް ހަގީގަތެއް،" ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

ޕަބްލިކް އިންކުއަރީ ހަދަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާ ބަންދުގައި އއ. އުކުޅަހުގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއިން ފާސްކުރި މި ޤަރާރުގައި ބުނެފައިވަނީ ފާއިތުވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އާއި އެ ޕާޓީގެ ވެރިކަމާމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް، އިދިކޮޅުން ރާވައިގެން އެކި ދޮގުތައް ފަތުރަމުން ގޮސްފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!