ރިޕޯޓް

ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ވިދާޅުވެދެއްވީ އުމްރާނީ ބިނާކުރުމާއެކު އިންސާނީ ބިނާކުރުމުގެ މުހިންމުކަން

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާއި ޙަވާލުވެވަޑައިގެން ބައެއް ވުޒާރާތައް އުފެއްދުވުމާއިއެކު އެއީ ކޮން މަޤްޞަދެއްގައި، ކޮން ކަމެއް ޙާޞިލްކުރުމަށް އުފެއްދެވި ވުޒާރާތަކެއްތޯ ބައެއް ބޭފުޅުންވަނީ ސުވާލު އުފައްދަވާފައެވެ. ތަފާތު މެންޑޭންޓްތަކާއެކު ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޑރ. މުޢިއްޒު ވަނީ 22 ވުޒާރާއެއް އުފައްދަވާފައެވެ.

Ads by STELCO

އެގޮތުން ފާހަގަކޮށްލެވޭ އެއް ވުޒާރާއަކީ، ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއެވެ. ރައީސް ޑރ. މުޢިއްޒުގެ ކައްޕިތާނުކަމުގައި، މި ވުޒާރާގެ ހުންގާނުގައި ހިއްޕަވައިގެން ދިވެހި ބަހާއި، ދިވެހިންގެ ޘަޤާފަތަށްޓަކައި ޚިދުމަތްކޮށްދެއްވުމަށް ހުންނެވީ މި މަސައްކަތްތަކަށް އައު ބޭފުޅަކަށް ނުވާނެއެވެ. އެއީ، ދިވެހި ބަހުގެ ފުންނާބު އުސް، އުސްތާޛެއް ކަމުގައިވާ އާދަމް ނަޞީރު އިބްރާހީމްއެވެ.

"ދެން"ގެ ޓީމާއެކު އާދަމް ނަޞީރުވަނީ އެމަނިކުފާނުގެ ވުޒާރާއިން ކުރައްވަން ނިންމަވާފައިވާ ބައެއް މުހިންމު ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މަސައްކަތްތަކާއި ގުޅިގެން ވާހަކަފުޅު ދެއްކެވުމުގެ ކުރިން ވަޒީރު އާދަމް ނަޞީރުވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގަވާ ވުޒާރާގެ މަޤްޞަދު ވިދާޅުވެދެއްވާފައެވެ.

ފާއިތުވި 4000 އަހަރު ރާއްޖެ ދެމެހެއްޓި ރޫޙު ދިރުވުން

ޤައުމިއްޔަތާއި ދިވެހި ބަހާއި، ދިވެހި ބަހުގެ އަސާސްތައް ދެނެގަނެ އެކަން އަލުން ޢިއާދަކުރުމަށް، ވަކި ވުޒާރާއެއް އުފެއްދެވުމުގެ އެންމެ ބޮޑު ބޭނުމަކަށްވީ އިންސާނީ ބިނާކުރުމެވެ. ރައީސް ޑރ. މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައި، ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި ބޭނުންވާނެ 2 ބިނާކުރުމެއް ހިމެނޭކަމަށް ވިދާޅުވެފައިވެއެވެ. އެއީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މަސައްކަތްތައް ގުޅިލޭމެހެނީ މި ދެންނެވި އިންސާނީ ބިނާކުރުމަށެވެ. މިކަމަށް އިޝާރަތްކުރައްވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، އިންސާނީ ބިނާކުރުމުގައި ޤައުމުގެ ރައްޔިތުންގެ ސިކުނޑިތައް ބިނާކުރުން ހިމެނޭކަމަށާއި ޤައުމެއް ފުރިހަމަ ގޮތުގައި ތަރައްޤީވެ ކުރިއަރާނީ އެ ޤައުމެއްގެ ޙާލަތާއި އެ ޤައުމުގެ ރައްޔިތުންގެ ޙާލަތު އޮތްގޮތުގެ މައްޗަށްކަމަށެވެ.

އެހެންކަމުން، މައިގަނޑު ގޮތެއްގައި މި ވުޒާރާއަކީ ބޭނުމަކީ، ދިވެހިންނަކީ ކަންކަމާމެދު ރަނގަޅަށް ފިކުރުކުރަން ދަންނަ، ދިވެހިންގެ އަސްލުތަކާމެދު ފަޚްރުވެރިވާން ދަންނަ، ދިވެހިންނަކީ ކޮން ބައެއްކަން ދަންނަ، އަދި ދިވެހިރާއްޖެ ފާއިތުވި 4000 އަހަރު ދެމިއޮތީ ދިވެހިންގެ ކޮންކަހަލަ ސިފަތަކަކެއް ހުރެގެންކަން ދަންނަ ބަޔަކަށް ދިވެހިން ހެދުމެވެ. އަދި ދިވެހީން، އޭގެ މައްޗަށް ހޯދި ހަޟާރަތަކީ ކޮބައިކަން ދެނެގަނެ، ދިވެހިންގެ ކިބައިގައި އެންމެ ކުރީއްސުރެ ހުންނަ ސިފަތަކާއި ގޮތްތައް އެނގުމެވެ.

ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، މިފަދަ ބިނާކުރުމަށް މި ޒަމާނުގައި ކިޔާ ނަމަކީ ޤައުމު ބިނާކުރުންކަމަށެވެ. އަދި ރާއްޖެ އެއް އޮވެގެން ދަޢުލަތެއް ނުލިބޭނެކަމަށާއި މިނިވަން ދަޢުލަތެއް މިލިބެނީ ރާއްޖޭގައި ދިރިއުޅޭނެ ޤައުމަކާއި، އިންސާނީ ޖަމާޢާތެއް އޮވެގެންކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އެ ޖަމާޢަތް ވާންޖެހޭނެތާ އެ ރާއްޖެއަކާމެދު ފަރުވާތެރިވާ، ރާއްޖެއަށް އަންނަ ނުރައްކާތަކާމެދު ސަހަރޯވެރިވާ، އެ ރާއްޖޭގެ ފަސްގަނޑު ދެކެ ލޯބިވާ ބަޔަކަށް، އޭރުން ނޫންތޯ އެ ފަސްގަނޑު ސަލާމަތްވެ އޮންނާނީ، ... އެހެންވީމާ، ރާއްޖެ ސަލާމަތުން ބޭއްވުމަށް ރާއްޖެއާމެދު ވިސްނާ، ރާއްޖެދެކެ ލޯބިވާ ރާއްޖެއާ ދޭތެރޭ ވިސްނުން ހިންގާ، އުފެއްދުންތެރި، މުރާލި ވިސްނުންތެރި ފާއިތުވި 4000 އަހަރު މިތަން ދެމެހެއްޓި ރޫޙު މިތަނުގައި އޮތުން މުހިންމުވޭ. އެބޭނުމަށްޓަކައި އެ ވުޒާރާ މުހިންމުވަނީ" ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ނަސީރު "ދެން" އަށް އިންޓަރވިއު ދެއްވަނީ

ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު ޤާއިމްކުރުން

މިއަދުގެ ޖީލުގެ ކުދިންނަށް އެ ކުދިންގެ އަސްލު، ނުވަތަ ދިވެހިންގެ އަސްލުވަންތަކަން ދެނެގަތުމުގައި އެކި ފެންވަރުގައި ޖޮންޖެހުންތަކަކާއި ކުރިމަތިވާކަމީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބަވާ ދޮށީ އުމުރުގެ ބޭފުޅުންވެސް ނުހަނު ކަންބޮޑުވާ ކަމެކެވެ. ދިވެހިންގެ އަސްލުވަންތަކަން ގެއްލި ފުހެވެމުންދާކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ.

އެހެންކަމުން، ރައީސް ޑރ. މުޢިއްޒުގެ "ހަފްތާ 14" އިގެ ތެރޭގައި ޙާޞިލްކުރައްވާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ހިމެނޭ ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު ޤާއިމްކުރުން ވެގެންދާނީ މިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެކަމެއްކަމަށް ބެލެވެއެވެ. ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، އެ މަރުކަޒު ޤާއިމްކުރުމުގެ މަސައްކަތް ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާގޮތަށް ކުރިއަށް ގެންދެވި ޤާއިމްކުރެވިގެންދާނެކަމަށެވެ.

ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖް ޤާއިމުކުރުމުގެ މަސައްކަތް ފެށުން

ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު ޤާއިމްކުރުމަށްފަހު އެ މަރުކަޒާއި ގުޅިފައިވާ އެހެެން މަސައްކަތްތަވެސް ފަށްޓަވާނެކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖް ޤާއިމްކުރުމުގެ މަސައްކަތްތަކެވެ. އެކޮލެޖު ޤާއިމްކުރުމާއި އަދި އޭގެ މައިގަނޑު އަސާސީ ދިރާސާތައް ފަށައިގަނެ، މުޤައްރަރުތައް ފުރިހަމަކޮށް ނިންމައި، 50 ދިރާސާ ވެރިންނަށް ޢިއުލާނުކުރުން ކުރިއަށްދާނެކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޗާޕުޚާނާ ޤާއިމްކުރުމުގެ މަސައްކަތް ފެށުން

ރައީސް ޑރ. މުޢިއްޒުގެ "ހަފްތާ 14" އިގެ ތެރޭގައި އޮތް އަނެއްކަމަކީ، ޤައުމީ ޗާފުޚާނާ ޢިއާދަކުރުމެވެ.  މީގެ މައިގަނޑު މަޤްޞަދަކީ މިހާރުވެސް ދިވެހިންގެ ތަރިކައާއި ދިވެހިން އުޅުނުގޮތާއި، ދިވެހިންގެ އަސްލުތަކާއި ގުޅިފައިވާ ފޮތްތައް ޢާންމުންނާއި ހަމައަށް ގެނެސްދިނުމެވެ. މިފަދަ ޢިލްމުތަކެއް ހުރި، އިސްރަށްވެރިންވެސް ތިއްބެވިއިރު، އެބޭފުޅުންގެ ސިކުނޑިފުޅުގައި ނުވަތަ ބައެއް ބޭފުޅުން ލިޔުއްވާފައި ހުރި ފޮތްތަކުގައި އެކަންކަން ވަނީ ރައްކާކުރެވިފައެވެ.

އެހެންނަމަވެސް، އޭގެ ތެރޭގައި ޢާންމުންނާއި ހަމައަށް ގެނެވޭނެ ގޮތެއް ނެތި ނުވަތަ، ޗާޕްކުރެވޭނެ ގޮތެއް ނެތް އެތައް ފޮތްތަކެއް ހުރިކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، މި ޗާޕުޚާނާއިން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މި ޒަމާނާއި އެކަށީގެންވާ ގޮތަށް، ދިވެހިންނާއި ގުޅިފައިވާ ތަރިކަތައް ދައްކުވައިދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، "ހަފްތާ 14" ގެ ތެރޭގައި ޗާޕުޚާނާ ޤާއިމްކުރުމުގެ މަސައްކަތް ނެތްނަމަވެސް، އެކަމާއި ގުޅޭ މަސައްކަތްތައް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާނެކަމަށެވެ.

ދިވެހި ރާއްޖޭގެ ތާރީޚާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުންކަންދޭ މިންވަރު އިތުރުކުރުމަށް، ސްކޫލްތަކުގައި ޚާއްޞަ ޕްރޮގްރާމްތައް ހިންގަންފެށުން

ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ތަޢުލީމީ ދާއިރާއިން ކުރެވޭނެކަންކަން އެންމެ ބޮޑަށް ފަޙުމްވާނީ ސީދާ އެ ވުޒާރާއަށް ކަމުގައިވީނަމަވެސް، ތަޢުލީމީ ވުޒާރާގެ ތެރެއިން ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މަސައްކަތްތައް ގުޅޭ ހިސާބެއް އޮވެއެވެ. އެގޮތުން، ދެވުޒާރާ އެކުގައި ބައެއް މަސައްކަތްތައް ކުރައްވާނެކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

އާދަމް ނަޞީރު ވިދާޅުވިގޮތުގައި، ދިވެހިންގެ އަސްލުތަކާމެދު ދިވެހިންގެ ލޮލުން ބަލަން ދަސްކޮށްދިމަކީ، އެކަަމަށް ޚާއްސަ ޢިލްމެއް ބޭނުންވާ ކަމެއްކަމަށާއި، އިރާދަކުރެއްވިއްޔާ ރާއްޖެއިން ބޭރުން އެފަދަ ޢިލްމުވެރި ބޭފުޅުން ގެނެސް އެމަސައްކަތްތައް ކުރައްވަވާނެކަމަށެވެ.

ރާއްޖޭގައި މިހާރު ތިއްބެވި އިސް ރަށްވެހިންނަކީ ދިވެހިން އުޅުނު ގޮތް ޢަމަލީ ގޮތުން ތަޖުރިބާކުރެއްވިފައި ތިއްބެވި ބޭފުޅުންކަމަށްވާއިރު، އެބޭފުޅުން ވެގެންދާނީ ދިވެހިންގެ ޙާލަތުތައް އަމިއްލަ ލޯފުޅުން ދެކެވަޑައިގެންނެވި ބެފުޅުންނަށެވެ. ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން ދިރާސާތައް ކުރައްވަވާއިރު، އެ ދިރާސާތަކަށް އެ އިސް ރަށްވެރިން ފާޑުވިދާޅުވުން ހޯއްދަވާނެއެވެ.

"އޭރުން އެބޭފުޅުންގެ ޤަދަރު މި ބޭފުޅުންގެ ކުރިފުޅުމަތީގައި އުފުލި މިއަދުގެ ތަހުޒީބު މުޖްތަމަޢުގައި މިފެންނަ އަނެކުންނަށް އެހީތެރިވުމާއި، އޯގާތެރިވުމާއި، ރައީސް ޑރ. މުޢިއްޒުގެ ތަޤްރީރުގައި އެ ބަޔާންކުރެއްވި ފަދައިން ރަޙުމްހުރި، އަގަލުހުރި މުޖްތަމެއް ބިނާކުރަން ކުރެވެން ހުރި މަސައްކަތްތަކެއް ކުރާނަން" ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

ދިމާވާނެ ދަތިތައް

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށްވެސް އެހެން ވުޒާރާތަކެކޭ އެއްފަދައިން އެންމެ ބޮޑަށް ދިމާވާނީ މާލީ ދަތިކަން ކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެކަންކަމަށްވެސް ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަކާއި ވިސްނުންފުޅާއެކު ޙައްލު ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން، ދެން އެންމެ ބޮޑަށް ދިމާވާނެ ދައްޗަކީ އިންސާނީ ވަޞީލަތްތައް މަދުވުމެވެ. މިފަދަ މަސައްކަތްތަކަށް އިންސާނީ ވަޞީލަތްތައް ހޯދާއިރު ވަކި ކަހަލަ ޝަރުޠުތަކެއް ހުންނަ ބޭފުޅުން ހޯދަންޖެހޭތީ، އެކަމަށް ބޭނުންވާ ރާއްޖެއިން ބޭރުގެ ޢިލްމުވެރިން ގެނައުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށް ވަޒީރު ފާހަގަކުރައްވާފައެވެ.

ވަޒީރު އާދަމް ނަޞީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ދިވެހިންނަކީ އެއްބައެއްކަމަށާއި، މިއީ އެއް ލެޔަކުން، އެއް އިޙްސާސްތަކަކުން ގުޅިފައިވާ، އެއް ރަހައެއް މީރުވާ އަދި އެއް ޖޯކަކުން ހީލެވޭ އެއް ޤައުމެއްކަމަށެވެ.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި އިންސާނީ ވަންތަކަމާއި، ޢަދުލުވެރިކަމާއި، ލޯތްބާއި، ކުލުނާއި. އިޙްސާނާއި، އަދި އަޅުގަނޑުމެން ކަންކަމަށް ފަރުވާތެރިކަމާއި، ރޫޙާއި ފޯރީގައި ކުރުމުގެ އުފެއްދުންތެރިކަން ކުރިއަރައިގެން ދާނީ، މި އެއް ލޭ ވަންތަކަމާއި، އެއްބަނޑު އެއްބަފާކަން ދިރިގެންނެވެ.

ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، އެއްބައިވަންތަކަމާއެކު "ދިވެހިންގެ ރާއްޖޭ" އެއްގައި އުޅެން ފެށޭ ދުވަހަކީ އެންމެންނަށް ހިތްހަމަޖެހުން ލިބޭނެދުވަހެއްކަމަށާއި "ހިތުގެ ގިނިތައް ނިވާލާފައި" އެފަދަ ދުވަހެއް ދެކެން ހުރިހާ ދިވެހިންވެސް އެއްބާރުލުން ދެއްވުމަކީ މުހިންމު ކަމެއްކަމަށެވެ.

އަދި އެކަމަކީ ވަކި ވުޒާރާއަކަށް ޚާއްސަ ކަމެއް ނޫންކަމަށާއި، އެއީ ހުރިހާ ދިވެހިންގެ އެއްބާރުލުން ބޭނުންވާކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު އާދަމް ނަޞީރަކީ، ބަހަވީ ފަންނުތަކާ، ޅެންވެރިކަމާ، ލިޔުންތެރިކަމާ، ވާހަކަދެއްކުންތެރިކަން އުނގަންނައިދެއްވުމުގައި ޤައުމީ ޚިދުމަތްތެރިއެކެވެ. ރާއްޖޭގެ އެންމެ މަޤްބޫލު ޝާޢިރުންގެ ތެރޭގައިވެސް  ހިމެނިވަޑައިގަންނަވައެވެ. ތާރީޚީ އަދަބީ އަދި ޘަޤާފީ ލިޔުންތަކާ ދިރާސާތައްވެސް އެމަނިކުފާނު ދަނީ ކުރައްވަމުނެވެ.

އެމަނިކުފާނަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެކެވެ. ފުލުހުންގެ ކޮންސަލްޓަންޓެއްގެ މަގާމާ، ބަސްކޮމެޓީގެ މެންބަރުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ. ދިވެހިބަސް އުނގަންނައިދެއްވުމުގެ ރޮނގުން މާސްޓަރސް ޑިގްރީ އެމަނިކުފާނު ވަނީ ޙާޞިލްކުރައްވާފައެވެ. އެހެންކަމުން، ދިވެހީންގެ ދިވެހިންވަންތަކަން ދިރުވާ އާލާކުރުމަށް ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްތަކަށް ވަޒީރު އާދަމް ނަޞީރަކީ ފަރިތަ ބޭފުޅެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!