އަލުން ހުވާ ކުރަން އެންގި މައްސަލާގައި މައުސޫމް ހުންނެވީ ހަނު
ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރި ޑރ. އަބްދުﷲ މައުސޫމު މަގާމުގެ ހުވާ އަލުން ކުރަން ޖެހޭ މައްސަލައިގައި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މައުސޫމަށް ރުހުން ހޯދަން ރައީސް ސޯލިހު ފޮނުއްވި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް އިއްޔެ ކުރި ބަހުސްގައި ބައެއް މެމްބަރުން ވަނީ އަމިއްލަ ކުންފުންޏެއް ހިންގުމުގައި މައުސޫމް ހުންނެވި ކަމަށް ވަނީ ބުނެފަ އެވެ.
އަދި އެ މައްސަލައިގައި މީގެ ކުރިން މަޖިލީހުގެ ކޮމިޓީން އޭނާއަށް ރުހުން ދިނުމަށް ފާސް ކުރި ނަމަވެސް، އޭނާއަށް ރުހުން ދިނުމަށް ވޯޓަށް ނާހައި ތަޅުމުން ވަނީ މައްސަލަ އަނބުރާ ކޮމިޓީއަށް އެ މައްސަލަ ފޮނުވާފައެވެ.
އެކަމާއި ގުޅޭގޮތުން ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މައުސޫމް ވިދާޅުވީ އޭނާގެ ސީވީއަކީ ކޮންމެ މީހަކަށް ވެސް ފެންނާނެހެން އޮންނަ އެއްޗެއް ކަމަށެވެ. މިވަގުތު ކުރައްވާ މަސައްކަތްތައް އެއިން ފެންނަން އޮންނާނެ ކަމަށެވެ.
އަޅުގަނޑުގެ ސީވީއަކީ ޖައްވަށް ދޫކޮށްލާފައިވާ ސީވީއެއް. ތިބޭފުޅުން ލިންކްޑިން ބަލާލިޔަސް، ފޭސްބުކް ބަލާލިޔަސް، އަޅުގަނޑުގެ ސީވީ އެއްޗެހި ފެންނަން ހުންނާނެ. ދެން ތި ވިދާޅުވި ކަންތައްތަކުގައި އަޅުގަނޑު ކޮމެންޓެއް ނުކުރާނަން،" މައުސޫމް ވިދާޅުވިއެވެ.
ދެވަނަ ފަހަރަށް ތަކުރާރުކޮށް އެ ސުވާލު ކުރުމުންވެސް މައުސޫމު ވިދާޅުވީ އެއަށް ޖަވާބު ދެއްވަން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑު ސީވީ ބައްލަވާ ލައްވާ. ބައެއް ކަންކަން ހުންނާނެ އިދާރީ ގޮތުން ކިހިނެތްތޯ ކަމެއް ގޮސްފައި އޮތިއްޔާ އޭގެ އަސްލާ އެ ހުރިހާ އެއްޗެއް އޮންނާނެ. އަޅުގަނޑު ތި ކަމާއި ގުޅޭގޮތުން ކޮމެންޓެއް ނުކުރާނަން. އަޅުގަނޑުގެ ސީވީ ޔަގީނުން ވެސް ލިންކްޑިންގައި ބަދަލެއް ނުކުރަން. މިފަހުން ޓޫރިޒަމް މިނިސްޓަރު ކަމާއި ހަވާލުވެފައި އެކަން ބަދަލު ކޮށްލާފައި ހުންނާނެ،" މައުސޫމް ވިދާޅުވިއެވެ.
މައުސޫމަށް ރުހުން ދޭން މަޖިލީހުގެ ތަޅުމަށް ކޮމެޓީން އިއްޔެ ހުށަހެޅިއެވެ. ނަމަވެސް އަލުން އަބުރާ އެ މައްސަލަ ކޮމެޓީއަށް ފޮނުވުމުން، އެ ކޮމެޓީން މިއަދު ފާސްކޮށްފައި ވަނީ މައުސޫމް އަލުން ހުވާ ކުރައްވަންޖެހޭ ގޮތަށް މަޖިލީހުން ލަފާދިނުމަށެވެ. މަޖިލީހުން އެ ލަފާ ދިނުމަށް ފާސްވާނީ ކޮމެޓީ ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްވުމުންނެވެ.