ޤާބިލު އަންހެނުން މަޤާމުތަކުން ފެނިގެން ދިއުމަކީ އުފާ ކުރާ ކަމެއް: ދުންޔާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް, ސަރުކާރުގެ އިސް މަޤާމުތަކުން ޤާބިލު އަންހެނުން ފެނިގެން ދިއުމަކީ އުފާ ކުރައްވާ ކަމެއް ކަމަށާއި, އެކަމަށް މަރުޙަބާ ވިދާޅުވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
އެންސްޕާގެ ސީއީއޯ ކަމުގެ މަޤާމަށް އައްޔަން ކުރެވުނު ހީނާ ވަލީދަށް ކުންފުނިން މަރުޙަބާ ކީ ޕޮސްޓް, އެކްސްގައި ޕޯސްޓް ކުރައްވަމުން ދުންޔާ ވިދާޅުވީ, ޤާބިލު ކަމަކީ ޖިންސުގެ މައްޗަށް ވަޒަން ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި އަންހުންނަށް ބާރުވެރިކުރުވަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒް ކުރާތީ އުފާ ކުރައްވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.
"މިފަދަ މަޤާމުތަކަށް ޤާބިލު އަންހެނުން ޢައްޔަންކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ވައުދެއް ކަމަށްވާ އަންހެނުންނަށް ޚާއްސަ އަހަމިއްޔަތުކަމެއް ދިނުން ފުރިހަމަކުރުމަށް އެޅުނު އިތުރު ބާރެއް. ޤާބިލް ކަމަކީ ޖިންސުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ނޫން." ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވަނީ ސަރުކާރުގެ މަޤާމުތަކަށް އައްޔަން ކުރެވުނު އަންހެން ކަނބަލުންނަށް ބައެއް ފަރާތްތަކުން ފާޑު ކިޔުން އަމާޒު ކުރާތީ އެކަމަށް ރައްދު ދެއްވާފައެވެ. އެގޮތުން ވިދާޅުވީ, މަޤާމުތަކުގައި ތިބި އަންހެނުންނަށް މާ ބޮޑަށް ފާޑު ކިޔުން އަމާޒު ކުރާ ކަމަށާއި ބޮޑެތި މަޤާމުތަކުގައި ތިބި ނާޤާބިލު ފިރިހެނުންގެ ޢަދަދަކީ ހައިރާންކުރުވަނިވި ޢަދަދެއް ކަމަށެެ. އަދި އުންމީދަކީ ޤާބިލު އަންހެނުންނާއި ފިރިހެނުން ވެސް މަޤާމުތަކުން ފެނިގެން ދިއުން ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ދިފާއުގައި މީސްމީޑިއާގައި ވަކާލާތު ކުރަމުން އަންނަ ދުންޔާ, މިއަންނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގެ ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ. ދުންޔާ ވާދަ ކުރައްވަނީ ހުޅުމާލޭގެ ދާއިރާއަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
އޭގެ އިތުރުން ދުންޔާ ވަނީ މިއަންނަ އަހަރު އޮންނަ މާލޭ މޭޔަރުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި އަންހެން ބޭފުޅަކު ވާދަ ކުރައްވާތީ ވެސް މަރުޙަބާ ދަންނަވާފައެވެ.

ދުންޔާ އާޒިމާއާއެކު
މޭޔަރު އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަ ކުރައްވަނީ އާޒިމާ ޝްކޫރެވެ. ޕީއެންސީ ނޫން ދެން އިންތިޚާބުގައި ވާދަކުރާ ތިން ޕާޓީން ވެސް ވާދަ ކުރަނީ ފިރިހެން ބޭފުޅުންނެވެ.