ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ނިހާން
ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް އެޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ސްޕެޝަލް އެޑްވައިޒަރ އަހުމަދު ނިހާން ހުސެއިން މަނިކު އިންތިޚާބު ކޮށްފިއެވެ.
ނިހާން އެ މަގާމަށް އިންތިޚާބު ކޮށްފައިވަނީ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ނެގުނު ވޯޓުންނެވެ.
ޖޭޕީން ޑެޕިއުޓީ ލީޑަރުގެ ޖާގަ ހުސްވެފައި ވަނީ އެ ޕާޓީގެ ފަސް ޑެޕިއުޓީ ލީޑަރުންގެ ތެރެއިން އިގްބާލް އާދަމް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި މި ވަގުތު ތިއްބެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ކުރީގެ ޓްރާންސްޕޯޓް މިިނިސްޓަރު ޑރ. އަމީން އިބްރާހިމް އާއި ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހުގެ އިތުރުން ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދެވެ.
ޖޭޕީގެ ނައިބު ލީޑަރުކަމަށް ނިހާންގެ އިތުރުން ޓުރިޒަމް މިނިސްޓަރުގެ ކުރީގެ ނައިބު އަސްޢަދު ރިޒާ އާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ތަރުޖަމާން ޢަލީ ޞާލިޙް އާއި، އެޕާޓީގެ ކައުންސިލް މެންބަރު މުޙައްމަދު ސަޢީދުވެސް ވާދަކޮށްފައިވެއެވެ.