ޚަބަރު އިޖުތިމާޢީ ޝަރުޢީ ދާއިރާ

ވައްކަން ކުރަން އުޅުނު މީހަކު އެއް ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އާރުސީސީ ޕްރައިވެޓް ލިމިޓުގެ އޮފީހަށް ވަދެ ވައްކަން ކުރަން އުޅުނު ކަމުގެ ކުށް ސާބިތުވި މީހަކު އެއް ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

Ads by Sosun Fihaara

އޭނާ އެއްދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ މި މައްސަލައިގެ ތަހުޤީގު މަރުހަލާގައި 62 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އެވެ.

ކްރިމިނަލް ކޯޓުން މިއަދު މި ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ / ދެކުލައަރާގެ، މުހައްމަދު އަސްލަމްގެ މައްޗަށެވެ. އޭނާ އާރްސީސީގެ އޮފީހަށް ވަދެ ވައްކަން ކުރަން އުޅެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި އަސްލަމް ވަނީ ވައްކަން ކުރަން އުޅުމުގެ ކުށުގެ ދައުވާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލައަށް އިއުތިރާފުވެފައެވެ.

އެހެންކަމުން މި ދައުވާގެ އަސާސީ އަދަބަކީ އެއް މަސް ދުވަހަށް ޖަލު ހުކުމެއް ކުރުން ނަމަވެސް، އޭނާގެ 2022 ވަނަ އަހަރާއި މި އަހަރުގައި ވެސް ކުށުގެ 8 މައްސަލައެއް އޮތުމުންނާއި މިހާރު ވެސް އެ ބާވަތުގެ އިތުރު މައްސަލަތަކެއް ހުށަހެޅިފައި ވާތީ އަދަބުގެ މިންވަރު ވަނީ 2 ދަރަޖަ މަތިކޮށް 2 މަހާއި 3 ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

ނަމަވެސް އެ މައްސަލައާއި ގުޅިގެން އަސްލަމް ތަހުގީގު މަރުހަލާގައި 62 ދުވަސް ބަންދުގައި ހޭދަކޮށްފައި ވާތީ އޭނާ ދެން ތަންފީޒު ކުރަން ޖެހޭ އަދަަބަކީ އެއް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!