ޚަބަރު ސަރުކާރު

ކައުންސިލްތަކަށް އަޅާލާފައި އޮތް ތަން ނުފެނޭ، މޮނިޓާކޮށް ޖަވާބުދާރި ކުރުވާނަން: އާދަމް ޝަރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ކައުންސިލްތަކަށް ކުރީގެ ސަރުކާރުން މާ ބޮޑަށް އަޅާލާފައިވާ މަންޒަރެއް ނުފެންނަ ކަމަށާއި، ކައުންސިލްތައް މޮނިޓާކޮށް ޖަވާބުދާރީ ކުރުވާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު އެހެން ވިދާޅުވީ، ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ ކަންގަތި އެވޯޑް ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވި ލާމަރުކަޒީ ނިޒާމު ހިންގުމުގެ ހަގީގީ ނާރެހަކީ ކައުންސިލުތަކުގެ ބޭފުޅުން ކަމަށާއި، ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި އެލްޖީއޭއިން އިންތިޒާމުކޮށްގެން ބޭއްވި ގިނަ އަދަދެއްގެ ފޯރަމްތަކެއްގައި ބައިވެރިވެވަޑައިގެންފައިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގޮތުގައި އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމުން ހާމަވެގެން ދިޔައީ އެލްޖީއޭގެ ހިންގުން ތެރިކަމާއި މުރާލިކަމާއި އިހުލާސްތެރިކަމެވެ. އެލްޖީއޭއަށް ތައުރީފް ކުރައްވައި މިނިސްޓަރު ވިދާޅުވީ އެލްޖީއޭގައި އަކީ ވަރުގަދަ 'ޓީމެއް' ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއި ހަމަޔަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރޭވިފައި އޮތް ގޮތުން ހަގީގީ މާނާގައި ކައުންސިލްތަކާއި ރައްޔިތުންގެ އަޑު އޭރަކު ހުންނަ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރުންގެ މަޖިލީހާ ހަމަޔަށް ދާނެ ފުރިހަމަ ނިޒާމެއް ނެތް ކަމަށެވެ.

އެކަން އެހެން އޮތުމުން ކައުންސިލްތައް ބާރުވެރި ކުރުމުގައި އާއި ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރާ ރައްޔިތުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހުސްކަމެއް އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަތޮޅުތަކަށް ކުރެވުނު ދަތުރުތަކުން ފާހަގަކުރެވިގެން ދިޔައީ ރާއްޖޭގެ ރަށްތަކުގައި ހުރި ކައުންސިލްތަކުގެ އިދާރާތަކުގެ އުމްރާނީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ކަމަށް ވިދާޅުވިއެވެ.

''މިކަންކަމަށް ދޭން ޖެހޭ އެންމެ ބޮޑު ސަމާލުކަން ދިނުމުގައި، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން އެންމެ ފުރިހަމަ އަށް އެކަމާއި ދޭތެރޭގައި ސަރުކާރުން މަސައްކަތްކުރަންވީ ގޮތަށް ކުރެވިފައި އޮތެކޭ ދެންނެވޭކަށް ނެތް" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ލާމަރުކަޒާ ގުޅޭ އިދާރާއެއް ރައީސް މުއިއްޒު އުފެއްދެވި އެ ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވުމުގެ ނިޔަތުގައި ކަމަށެވެ.

މިނިސްޓަރުކަމާއި ހަވާލުވި ފަހުން އާދަމް ޝަރީފް ވަނީ ހަތަރު ސިޓީގެ މޭޔަރުންނާއި، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކައުންސިލަރުންނާއި، 46 އަންހެނުންގެ ތަރައްގީއަށް މަސައަކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވާފައެވެ. ކުރެވުނު މަޝްވަރާއިން ސާފުވި އެއް ކަމަކީ ލާމަރުކަޒީ ނިޒާމަށް އިތުރު ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭކަން ކަމަށާއި އޭގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް އިތުރު ބަދަލުތަކެއް ގެނައުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

''ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުން މިއީ ކޮންމެހެން ކުރަން ޖެހިފައި ހުރި މަސައްކަތްތަކެއް. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ އަކީ މިހާރަށްވުރެވެސް ބޮޑަށް އޭގެ ފުރިހަމަ ޒާތުގައި ގާނޫނުން ލިބިދީފައިވާ ފުރިހަމަ އިހުތިޔާރާއެކީގައި ރާއްޖޭގެ ކައުންސިލްތައް މިހާރަށްވުރެ ވެސް ބޮޑަށް ގާނޫނުން ދީފައިވާ ފުރިހަމަ އިހުތިޔާރާ އެކީގައި ރާއްޖޭގެ ކައުންސިލްތައް މިހާރަށްވުރެ ބޮޑަށްވެސް މޮނިޓާކުރުމާއި އެ ކައުންސިލްތައް ޖަވާބުދާރީ ކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަން ކަށަވަރުކުރުން'' އާދަމް ޝަރީފް ވިދާޅުވިއެވެ.

  1. وزير البلدية و القروية العمل العام ، آدم شريف حفظه الله وفقكم الله لما فيه الخير للعباد والبلاد !