އަޅުގަނޑުގެ މޭޔަރު ކަމެއްގައި ވަލުދޮރާށިން ވަދެގެން އެއްވެސް ޚިދުމަތެއް ނުދޭނަން: އާޒިމް
މޭޔަރުކަން ލިބިއްޖެނަމަ ވަލުދޮރާށިން ވަދެގެން ޚިދުމަތެއް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށް މާލެ ސިޓީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ޕީއެސްއެމުން "މާލޭ މޭޔަރު 2024"ގެ ނަމުގައި މިރޭ ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ މޭޔަރު ކަން ލިބިއްޖެނަމަ ސަލާން ނުޖަހާ ސިޓީ ކައުންސިލުން ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
މޭޔަރު ކަން ލިބިއްޖެނަމަ ވަލުދޮރާށިން ވަދެގެން ޚިދުމަތެއް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށާއި ޕާކިންތައް ވިއްކުމާއި ކަންކަން އޮންނާނީ އުސޫލާއި ހަމަތަކުގެ މަތިން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ އާޒިމްގެ މޭޔަރު ކަމެއްގައި މިސްކިތްތަކުން ދުވާނީ މީރުވަސް ކަމަށާއި މިސްކިތްތަކުގެ ފާހަނާތައް ފަސްތަރީގެ ފާހަނާއަށް ބަދަލުކުރާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
މާލޭގެ ރައްޔިތުންނަށް ކެވެން ޖެހޭނީ ރަނގަޅު މަސް ކަމަށާއި މާލޭގެ މަސް މާރުކޭޓުގައި ކޮލިޓީ ބެދިގެން މަސް ވިއްކޭނެ އިންތިޒާމު އާޒިމްގެ މޭޔަރު ކަމެއްގައި ހަމަޖައްސަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމްގެ މޭޔަރު ކަމެއްގައި ހަމަސް ދުވަސްތެރޭގައި ބުޅަލަށް އޯގާތެރި މުޖުތަމަޢުއެއް ބިނާކޮށް ބުޅަލުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
މާލޭ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާފައި ވަނީ 5 ބޭފުޅުންނެވެ. މިގޮތުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވާދަކުރައްވާއިރު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް ވާދަކުރައްވާއިރު އަމިއްލަގޮތުން ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު މި އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވައެވެ.
ޕީއެސްއެމުން މިރޭ ކުރިއަށް ގެންދިޔަ މި ބަހުސްގެ މަޤްސަދަކީ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތަސައްވުރާއި ކޮށްދެއްވުމަށް ކަނޑައަޅުއްވާފައިވާ ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރުމުގެ ފުރުސަތު ފަހި ކޮށް ދިނުމެވެ.