ޚަބަރު

ލ. ފޮނަދޫން ޕާސްޕޯޓް ނެގޭނެ އިންތިޒާމު ހަމަޖައްސަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ލ. އަތޮޅުގައި ތަޢާރަފުކުރުމަށްޓަކައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝައްމާން ވަޙީދު ލ. ފޮނަދޫ ކައުންސިލާއި ބައްދަލުކޮށްފިއެވެ.

Ads by MWSC

ސަރުކާރުން ދަނީ ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާއި ގާތުން ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ހިދުމަތް އެކި އަތޮޅުތަކުގައި ފެށުމަށްވެސް އިމިގްރޭޝަނުން ދަނީ ތައްޔާރުވަމުންނެވެ. މީގެތެރެއިން އިމިގްރޭޝަންގެ ޓީމެއް އެންމެ ފުރަތަމަ ޒިޔާރަތްކޮށްފައިމިވަނީ ލ. އަތޮޅަށެވެ.

ސަރުކާރުން ނިންމާފައިވަނީ ލ. އަތޮޅުގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ތަޢާރަފްކޮށް ފޮނަދޫގައި ދިވެހި ޕާސްޕޯޓް ކަލެކްޝަން ސެންޓަރެއް ޤާއިމްކުރުމަށެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަންމާން ވަޙީދާއި އެ އިދާރާގެ ސީނިއަރ އޮފިޝަލުން ފޮނަދޫއަށް ޒިޔާރަތްކޮށް ފޮނަދޫ ކައުންސިލާއެކު ވަނީ ހިދުމަތް ފެށުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

އިމިގްރޭޝަނުން އަތޮޅުތަކުގައި ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ދާދިފަހުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުވެފައިވާ 4 އަތޮޅަކަށް ދިވެހި ޕާސްޕޯޓު ދޫކުރުން ވަނީ ދެގުނައަށް އަވަަސްކޮށްފައެވެ. އެގޮތުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމްކުރެވިފައިވާ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގެ އިމިގްރާޝަން އޮފީހުން ޕާސްޕޯޓް ދޫކުރުން މިހާރު ދެގުނަ އަވަސްވެގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަން ރީޖަނަލް އޮފީސްތަކުގެ ތެރެއިން އައްޑޫ ސިޓީއަށް މީގެކުރިން ޕާސްޕޯޓް ފޮނުވަމުން ދިޔައީ ހަފްތާއަކު 2 ދުވަހުއެވެ. ނަމަވެސް މި ބަދަލާއެކު ދެން ކޮންމެ ހަފްތާއަކު 4 ދުވަހު އައްޑޫ ސިޓީއަށް ޕާސްޕޯޓް ފޮނުވޭނެއެވެ. މީގެއިތުރުން ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީއަށް މީގެކުރިން ޕާސްޕޯޓުތައް ފޮނުވަމުން ދިޔައީ ހަފްތާއަކު 1 ދުވަހުއެވެ. މި ބަދަލާއެކު، މިއިން ކޮންމެ އޮފީހަކަށްވެސް ހަފްތާއަކު 2 ދުވަހު ޕާސްޕޯޓް ފޮނުވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!