ކުޅުދުއްފުށީގެ އިތުރު މަގުތަކުގައި ތާރުއަޅަން ފަށައިފި
ހދ.ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެދަށުން އިތުރު ސަރަޙައްދުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ފަށައިފިއެވެ.
ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލުކޮށްގެން ފެށީ 2022ވަނަ އަހަރުގެ މެދުތެރޭގައެވެ. އާރުޑީސީން ބުނީ މަގުހެދުމުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ފަށައިގެން ކުރިއަށްދާކަމަށެވެ. އެގޮތުން އޭބީސީ ލޭޔަރ އަޅާފައިވާ އިތުރު 10 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.
ހދ.ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ރަށަކަށްވުމާއި، ގިނަ ޚިދުމަތްތަކެއް ހޯދުމަށް ކޮންމެދުވަހަކުވެސް ސަރަޙައްދުގެ އެހެން ރަށްތަކުން ގިނަ ބަޔަކު އަރާ ރަށަކަށްވާތި، މި ޕްރޮޖެކްޓް ވެފައިވަނީ މުހިންމު މަޝްރޫޢުއަކަށެވެ.
ތާރު އަޅައިގެން ޒަމަނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓްގައި، ރަށުގައި ވިއްސާރަ ދުވަސްވަރު ފެން ބޮޑުވާ މައްސަލައަށް ޙައްލު ހޯދުމަށް ޒަމާނީ ފެން ހިންދާ ނިޒާމެއްވެސް ދަނީ ޤާއިމްކުރަމުންނެވެ. އަދި އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ފަސޭހައިން ފެން ލިބޭނެގޮތަށް، މަގުގައި ފަޔަރ ހައިޑްރަންޓް ނެޓްވޯކް އެޅުންވެސް މި ޕްރޮޖެކްޓްގައި ހިމެނެއެވެ.
އާރްޑީސީން މީގެކުރިން ބުނެފައިވަނީ ޕްރޮޖެކްޓްގެ މަސައްކަތްތަކަށް ބައެއްކަހަލަ ބަދަލުތައް ގެނެސްފައިވާކަމަށެވެ. އެގޮތުން ކައުންސިލުން ހުށައެޅި ބައެއް ބަދަލުތައް މިހާރު ސްކޯޕްގައި ހިމަނާފައިވާނެކަމަށް އާރުޑީސީން ބުންޏެވެ.
މިޕްރޮޖެކްޓްގައި ކުޅުދުއްފުށީގެ 24 މަގެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ. ތާރު އެޅުމުގެ މަސައްކަތް ބައެއް މަގުތަކުގައި ކުރިއަށް ގެންދާއިރު، އަނެއްބައި މަގުތަކުގައި މިހާރު ކުރަމުންދަނީ ޕޭމަންޓް ހެދުމާއި، ސަބްގްރޭޑްކުރުން އަދި ލައިޓްޖެހުންފަދަ މަސައްކަތްކަތްކެވެ. މިހާތަނަށް މުޅި މަޝްރޫޢުގެ 45.5 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އާރުޑީސީން ބުންޏެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި މަގުތަކުގެ މަސައްކަތް ނިމޭއިރު ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ފަސޭހަވާނެގޮތަށް ނިޝާންތައް ކުރަހާ އަދި ހަރުކޮށްފައި ހުންނާނެއެވެ.
މިޕްރޮޖެކްޓަކީ ސަރުކާރުން 100މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 7.12 ކިލޯމީޓަރުގައި ތާރު އަޅާނެއެވެ.