ޚަބަރު

"ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ހުށްޓެވެ!"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދުގެ ހުކުރު ޚުތުބާގެ މައުލޫއަކީ ރުޅިއެވެ. ޚުތުބާ ފަށަމުން ކިޔައިދިނީ ރުޅީގެ ނުބައި ކަމަށާއި އޭގެ މައްޗަށް އިންސާނާ ގަދަވުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

Ads by Sosun Fihaara

މިއަދުގެ ޚުތުބާގެ ހުލާސާއެއް

اَبُوْ هُرَيْرَة رَضِيَ اللّٰهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. އެއްދުވަހަކު މީހަކު ރަސޫލާ z ގެ އަރިހަށް އައިސް، ނަސޭހަތެއް ދެއްވުމަށް އެދި ދެންނެވުމުން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (لَا تَغْضَبْ)[1] މާނައީ: "ތިބާ ރުޅި ނާންނާށެވެ!" އެމީހާ ތަކުރާރުކޮށް ދެންނެވުމުންވެސް ދެއްވީ ހަމަ އެޖަވާބެވެ. އަދި أَبُوالدَّرُدَاء رَضِيَ اللّٰهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ.

އެއް ދުވަހަކު މީހަކު ރަސޫލާ ގެ އަރިހަށް އައިސް ދެންނެވިއެވެ. އަޅުގަނޑަށް ސުވަރުގެ ވައްދަވާނެ ޢަމަލެއްގެ ވާހަކަ ވިދާޅުވެ ދެއްވާނުތޯއެވެ! އެހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

(لَا تَغْضَبْ، وَلَكَ الْـجَنَّةُ)

މާނައީ: "ތިބާ ރުޅިނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ހުށްޓެވެ!" ރަސޫލާ z ގެ މި ބަސްފުޅުތަކުން އަހަރެމެންނަށް މި ގޮވައިލައްވަނީ، ރުޅި މަޑުކުރުމަށާއި، ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކާ ދުރުހެލިވުމަށެވެ.

ރުޅި މަޑުކުރުން މިހާ މުހިއްމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީހެވެ. ރުޅި މަޑުކުރާ މީހުންނަށާއި، އިޙްސާންތެރީންނަށް ހުރި ދަރަޖަ ބަޔާން ކުރައްވައި، މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.

"އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއިބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، ތަޤްވާ ވެރިންނަށެވެ. އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މަޢާފުކުރާ މީހުންނެވެ. އިޙުސާން ތެރިންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފްސުތަކަށް އަނިޔާވެރި ވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ. އެއުރެންގެ ޖަޒާޔަކީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. ހެޔޮ ޢަމަލު ކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ!"

ރުޅިމަޑުކަމަކީ، ﷲ ލޯބިވެ ވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ z ލޯބިފުޅުވާ ސިފައެކެވެ.

އެއްދުވަހަކު ކީރިތި ރަސޫލާ z، أَشَجُّ عَبْدِ الْقَيْس އަށް ޙަދީޘް ކުރެއްވިއެވެ. (إِنَّ فِيْكَ خَصْلَتَيْنِ يـُحِبُّهُمَا اللهُ وَرَسُوْلُهُ: اَلْـحِلْمُ وَالْأَنَاةُ)

މާނައީ: "ހަމަކަށަވަރުން ތިބާގެ ކިބައިގައި، ﷲރުހިވޮޑިގަންނަވާ، އަދި ﷲ ގެ ރަސޫލާ ލޯބިފުޅުވާ ދެ ސިފައެއް އެބަހުއްޓެވެ. އެއީ ޙިލްމުވެރިކަމާއި ކެތްތެރިކަމެވެ." زَيْنُ الْعَابِدِيْنَ بْنُ الْـحُسَيْنُ އާ ބެހޭ ގޮތުން ރިވާވެގެން ވެއެވެ. އެކަލޭގެފާނުގެ އަޅު ކުއްޖަކު، މުށި ކުރައަކުން އެކަލޭގެފާނަށް ފެން އޮއްސައިދެމުންދަނިކޮށް، އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް އެ ކުރާ ވެއްޓި ތެޅިއްޖެއެވެ. އަދި ފައިންޕުޅު ޒަޚަމްވެއްޖެއެވެ. އެކަމާ زَيْنُ الْعَابِدِيْن ކޯފާ އިސްކުރެއްވިއެވެ. އަދި މޫނުފުޅުގެ ކުލަވަރު ބަދަލުވިއެވެ. އެހިނދު އެ އަޅު ކުއްޖާ ދެންނެވިއެވެ. ސާހިބާއެވެ! ﷲ تَعَالَى ﮋوَالْكَاظِمِينَ الْغَيْظَﮊ އެވެ ވަޙީކުރައްވާފައި ވެއެވެ.

މާނައީ: "އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެން ރުޅި މަތަކޮށްފީމެވެ." އަނެއްކާ އެކުއްޖާ ދެންނެވިއެވެ. ﷲ تَعَالَى ﮋوَالْعَافِينَ عَنِ النَّاسِﮊ އެވެ މިހެންވެސްވަޙީކުރައްވާފައި ވެއެވެ. މާނައީ: "އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެން ތިބާއަށް މާފުކޮށްފީމެވެ." އަނެއްކާ އެކުއްޖާ ދެންނެވިއެވެ. ﷲ تَعَالَىﮋوَاللَّهُ يُحِبُّ الْمُحْسِنِينَ

އެވެ މިހެންވެސް ވަޙީކުރައްވާފައި ވެއެވެ. މާނައީ: "އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ ގެ ވަޖުހުފުޅަށްޓަކައި، އަހުރެން ތިބާ މިނިވަންކޮށްފީމެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!