ރައްޔިތުން ގެދޮރު އެޅުމަށް ވަރަށް އަވަހަށް ލުއި ލޯން ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ތެރެއިން ތ. މަޑިފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކުރަން ޖެހޭ ހުރިހާ ކަމެއްގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
މިދިޔަ ދެ މަހެއްހައި ދުވަހުގެ ތެރޭގައި ސަރުކާރުން ކުރި މަސައްކަތުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ވެސް ވަރަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހާއްސަކޮށް ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ލުއި ލޯނުތައް ހޯދުމުގެ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
“މި ދަންނަވާ ވާހަކަ އަކީ ރައްޔިތުންނަށް ބޭނުން ޖެހިފައި ހުރި ކަންތައްތައް ކުރުމުގަ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ކާމިޔާބީތަކެއް ހޯދައިދޭނަމޭ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޑިފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމަށާއި ރަށަށް ދިމާވެފައިވާ މުހިންމު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
އަދި ޤައުމީ މައްސަލަތަކަށް ފަހު ދެން އެންމެ މުހިންމު ކަމަކީ ގެދޮރުގެ މައްސަލަ ކަމަށާއި މަޑިފުށީގައި ވެސް އެންމެ ބޮޑު އެއް މައްސަލައަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ. އިޤްތިސާދު ހަރުދަނާ ކުރެވޭ މިންވަރަކުން ގެދޮރު އެޅުމަށް ލުއި ލޯނު ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ވަރަށް އަވަހަށް ލޯން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ލޯނުތައް ދެވޭ ފެންވަރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އިގްތިސާދު ހަރުދަނާ ކުރެވޭތޯ. ކޮށްގެން ހަމަ އިރާދަކުރެއްވިޔާ ވަރަށް ވަރަށް އަވަހަށް މިދެންނެވި ލޯނުތައް މުޅި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމް ގާއިމް ކުރާނަން”
ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް އެޖެންޑާއަކީ ފަރުދުން މުއްސަނދި ކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަރުގަދަ ކުރުން ކަމަށެވެ. އެކަން ކުރެވޭނީ ކައުންސިލްތައް ބާރުވެރި ކުރުވައި، ފުރުސަތު ދީގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.