މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފި

މި ސަރުކާރުގައި މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެޗެ.
"މިހާތަނަށް މި ސަރުކާރުން 422 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ޕޭކޮށްފައި. އެއީ މަސްވެރިނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާ އައިސް ހިމެނޭ ގޮތަށް 422 މިލިޔަން ރުފިޔާ މަސްވެރިންނަށް މިސަރުކާރުން ދޫކުރެވިފައި އެބަވޭ. އަދި މިސަރުކާރުން އަޅުގަނޑުމެން މިއަދު ގުނާ އިރުގައި 270 މިލިޔަން ރުފިޔާ މިއަދާ ހިސާބަށް މަސްވެރިންނަށް ނުދެވި އޮތްކަން އަޅުގަނޑުމެން ފާހަގަކުރަން،" ޝިޔާމް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން، ވެރިކަމުގެ ފަހުކޮޅު މިފްކޯއަށް ގަންނަމުން ދިޔަ މަސް 17 ރުފިޔާ އިން 25 ރުފިޔާއަށް ބަދަލުކުރީ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށްޓަކައި ކަމަށެވެ. މި ސަރުކާރުން ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ކުޑަކޮށްފައެވެ.
''މި ބަދަލު ގެނައި 16 ސެޕްޓެމްބަރު 2023 ވަނަ ދުވަހު. އެއީ ސީދާ ސިޔާސީ ބޭނުމެއްގައި އެއްވެސް ދިރާސާއެއް އެއްވެސް ނިޔަތެއް އޮވެގެން ގެނެވުނު ބަދަލެއް ކަމަށް އޭރުވެސް މިހާރުވެސް ނުދެކެން'' ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިންގެ އަތުން ގަންނަ މަހުގެ އަދަދު 20 ރުފިޔާއަށްވުރެ ދަށްނުކުރައްވާނެކަން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ވައުދުވެވަޑައިގެންފައެވެ. ޝިޔާމް ވިދާޅުވީ ރައީސް އެހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތައް ބައްލަވައި އަދި ރާއްޖޭގެ މަސް ގަންނަ ފެކްޓްރީ މިފްކޯގެ ހިންގުމަށް ހަރުދަނާ ބަދަލެއް ގެނައުމުގެ ވިސްނުންފުޅު ގެންގުޅުއްވާތީ ކަމަށެވެ.