އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީއަށް ހާޒިރުކުރަނީ
ހައްދު ފަހަނަ އަޅާފައިވާ އިޒްރޭލް މީހުންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީއިން ފޮނުވި ސިޓީއާމެދު މިހާތަނަށް ގޮތެއް ނިންމާފައިނުވާތީ ހާރިޖީ ވަޒީރު މޫސާ ޒަމީރު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ފަލަސްތީނުގެ ބިންތަކަށް ނުހައްގުން ވެރިވެ، އެ ގައުމުގެ މީހުންނަށް ލާއިންސާނީ އަނިޔާ ދެމުން ގެންދާ އިޒްރޭލްގެ މީހުންގެ ޕާސްޕޯޓު ރާއްޖެ އިން ބަލައިނުގަތުމަށާއި އެ ތަނުގެ ޓޫރިސްޓުން ރާއްޖެ އައުން ހުއްޓުވުމަށް އެދި ސިޓީއަކުން މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދެވެ.
އެ މައްސަލައިގައި މިދިޔަ ނޮވެންބަރު މަހު މަޖިލިސް ދޮށަށް އެއްވެ އާންމުން މުޒާހަރާ ކުރަން ފެށުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން އެކަން ކޮށްދިނުމަށް ކޮމިޓީން އެދުނެވެ. ނަމަވެސް ވެރިކަން ބަދަލުވުމަށްފަހު މިއަދާ ހަމައަށް ވެސް އެ ކަމުގައި އެއްވެސް ގޮތަކަށް އަމަލު ކުރެވިފައި ނުވެއެވެ.
ހާރިޖީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ އެ މައްސަލައިގައި ޒަމީރު ހާޒިރުވާން ކުރިން ވެސް އެދުނުނަމަވެސް, ވަޒީރަށް ވަޑައިނުގެންނެވުނު ކަމަށެވެ.
އޭނާ ވަނީ އެ މައްސަލައިގައި އަދިވެސް ވަޒީރު ހާޒިރުކުރަން ބޭނުންވޭތޯ ހައިތަމް އާ ސުވާލުކުރައްވާފައެވެ. އަދި ހައިތަމް އެގޮތަށް އެދިލެއްވުމުން ވަޒީރަށް ހާޒިރުވާން ދެންނެވުމަށް ކޮމިޓީން މިއަދު ވަނީ ނިންމައިފައެވެ.