ޚަބަރު ސަރުކާރު

ކެންސަރު ހޮސްޕިޓަލުގެ ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކެންސަރު ބައްޔަށް ޚާއްސަކޮށްގެން ރާއްޖޭގައި ތަރައްޤީކުރަން ނިންމި ކެންސަރު ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިިޓަލްގެ ފުރަގަހުން އޮންނަ ބިމުގައި އިމާރާތް ކުރަން ނިންމައި އެކަމުގެ ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ކެންސަރު ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އެ މިނިސްޓްރީއަށް މެއިލް ކުުރުމަށެވެ.

އަދި މެއިލް ކުރާނީ ރަޖިސްޓްރޭޝަން ޝީޓު ފުރިހަމަކުރުމަށް ފަހު [email protected] އަށް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އިއުލާނުގައި ބުނީ މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

މީގެ އިތުރުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކަމަށާއި ރަޖިސްޓްރީ ނުކުރާ މީހުންނާއި ގަޑި އަށް އަންދާސީ ހިސާބު ހުށަނާޅާ މީހުންގެ ފޯމު ބާތިލް ކުރާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި ތަރައްޤީކުރަން ނިންމާ އެ ހޮސްޕިޓަލް އިމާރާތް ކުރަން އެންމެ ފުރަތަމަ ސަރުކާރުން ނިންމީ ލ. ގަމުގައެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައެވެ. ނަމަވެސް ރައީސް ޞާލިހްގެ ވެރިކަން ނިމިގެން ދިޔަ އިރުވެސް އަމަލީ މަސައްކަތް ފެށިފައި ނެތް އެ ހޮސްޕިޓަލު އިމާރާތް ކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމާފައި ވަނީ މާލެ ސަރަހައްދުގައެވެ. މިގޮތުން އެ ހޮސްޕިޓަލް އިމާރާތް ކުރަނީ އައިޖީއެމްއެޗުގެ މުވައްޒަފުންނަށް ހާއްސަ ޕާކިން އޭރިއާ އާއި ދިރާގު ބިއްދޮށުގައި އޮންނަ ޕާކިން ޒޯނު އެއްކޮށްލައިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!